ވިޔަފާރި

އަހަރީ ޖަލްސާތައް ބާއްވަން ޖެހޭ ތާރީޚު ޖުލައި މަހަށް ފަސްކޮށްދީފި


ކުންފުނިތަކުގެ އަހަރީ ޖަލްސާތައް ބާއްވަންޖެހޭ ތާރީޚު ޖުލައި މަހަށް ފަސްކޮށްދިނުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭއިން ނިންމައިފިއެވެ.

ސީއެމްޑީއޭއިން ވިދާޅުވީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު ކުންފުނިތަކުގެ ސެކިއުރިޓީ މާކެޓުގެ ބައެއް އިންތިޒާމްތަކަށް ބަދަލު ގެނެސްފައިވާކަމަށެވެ.

އެގޮތުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާ މިދުވަސްވަރު މީހުން އެއްތަނަކަށް ޖަމާނުވުމަށް ސަރުކާރުން ކަނޑައަޅާފައިވުމާއެކު 31 މެއިގެ ކުރިން ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުން އަހަރީ ޢާންމު ޖަލްސާ ބާއްވަންޖެހޭ އެންމެ ފަހުގެ ތާރީޚު ޖުލައި 21 އަށް ފަސްކޮށްދީފައިވާކަމަށް ސީއެމްޑީއޭއިން ބުނެއެވެ.

އަދި ކުންފުނިތަކުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތައް ނެރެންޖެހޭ އެންމެ ފަހުގެ ތާރީޚު 30 ޖޫންއަށް ބަދަލުކޮށްފައިވާކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

މީގެ އިތުރުން ސެކިއުރިޓީޒް ގަނެވިއްކުމާއިބެހޭ ޚިދުމަތްތައް ބޭންކުތައް ހުޅުވާ ދުވަސްތަކުގައި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ ކޮމްޕެނީއާއި އާރިޔާ ސެކިއުރިޓީ ޕްރައިވެޓް ލިމިޓެޑް އަދި ސްޓޮކް ބްރޯކާސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ވެސް ސީއެމްޑީއޭއިން ބުނެއެވެ.