ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިބަލިން ރަނގަޅުވިމީހުން ދޫކޮށްލުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތައްޔާރުވަމުންނެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 2ވަނައަށް ޕޮޒިޓިވްވި އިޓަލީ މީހާވަނީ ޕީއެސްއެމް ނިއުސްއަށް ޚާއްސަ އިންޓަރވިއުއް ދީފައެވެ.
މިއިންޓަރވިއު ނަގާފައިވަނީ އޭނާއަށް ފަރުވާދިން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސޮލޭޝަން ފެސިލިޓީގައެވެ. ބަލިން ރަނގަޅުވިޔަސް އިތުރު 30 ދުވަހުގެ މުއްދަތަކަށް ބަލިން ރަނގަޅުވާ މީހުން ކަރަންޓީނުކުރުމަށް އެޗްޕީއޭއިން ވަނީ ނިންމަވާފައެވެ.
ބަލީގައި ހޭދަކުރި ދުވަސްތަކާއި ލިބެމުންދިޔަ ފަރުވާގެ ވާހަކަ އޭނާ ޙިއްޞާކޮށްފައިވަނީ ހިތްހަމަޖެހުމާ އެކުއެވެ. ޗުއްޓީ ހޭދަކުރުމަށް ސޭންޑީސް ބަތަލާ ރިސޯޓަށްއައި އިޓަލީގެ މިފަތުރުވެރިޔާވަނީ މީގެކުރިން 12 ފަހަރެއްގެ މަތިން ރާއްޖެއަށް އައިސްފައެވެ. އޭނާ ކޯވިޑް-19އަށް ޕޮޒިޓިވްވިކަން ކަށަވަރުވީ މާރޗްމަހުގެ 9ވަނަ ދުވަހުއެވެ. އޭނާ ބުނީ ޕޮޒިޓިވް ވުމުން ފުރަތަމަ އެންމެބޮޑަށް ކަންބޮޑުވެ ހާސްވީ ޢާއިލާއާ، އަމިއްލަ ޤައުމާ ދުރުގައި ހުންނަން ޖެހުމުންކަމަށެވެ.
"އަހަރެންހުރީ ވަރަށްބިރު. އެންމެބޮޑަށް ވިސްނުނީ އަހަރެންގެ ޤައުމުގައިތިބި ގާތްތިމާގެ މީހުންނާމެދު. އެންމެ ފުރަތަމަވެސް ވިސްނުނީ ޤައުމާ ދުރުގައި ހުރުމުން. އެކަމަކު ވަރަށްބޮޑު ޔަޤީންކަމެއްލިބުނު އެންމެ ފުރަތަމަ ވަގުތުން ފެށިގެންވެސް މިތަނުން އަހަންނަށް އަޅާލަން ފެށުމުން" އިޓަލީ މީހާ ބުންޏެވެ.
އޭނާ ބުނީ ކޯވިޑް-19ގެ ވައިރަހުގެ ސަބަބުން އޭނާގެ ޙާލު މާބޮޑަށް ގޯސް ނުވާކަމަށެވެ. ނަމަވެސް ނޭވާލާން ކޮންމެވެސް ވަރަކަށް އުދަނގޫވިކަމަށެވެ. އެކަންކަން ކުރިމަތިވީ ބަލީގެ މަޢުލޫމާތުވެސް އޭރު ނޭނގި އެކަމުގެ ނުރައްކާތެރިކަން ހިތަށްވަދެ ގަތްބިރުގެ ސަބަބުންކަމަށް އޭނާ ބުންޏެވެ. ނަމަވެސް ފަހުން މިކަމުގެ ރަނގަޅު މަޢުލޫމާތު ލިބުމުން ހާސްކަން ފިލައި ހަމަޖެހުން ލިބުނުކަމަށް އޭނާ ބުންޏެވެ. އެންމެބޮޑު ކަންބޮޑުވުމަކީ އޭނާއަށް ރަނގަޅަށް އިގިރޭސިބަން ނޭގޭތީ، މީހުންނާ މުޢާމަލާތް ކުރަން އުދަގޫވުންކަމުގައިވެސް އޭނާ ބުންޏެވެ.
"އަހަންނަށް ބަލީގައި މާބޮޑު ވޭނެއްނާޅާ. ނޭވާލަން އުދަނގޫވެ، ހާސްވުންފަދަ ކަންކަން ކުރިމަތިވީ.
މިހެންވީ އަހަރެން ދެކޭގޮތުގައި ބަލީގެ މަޢުލޫމާތު ފުރަތަކޮޅު މާބޮޑަށް ނޭގުމުން. ނަމަވެސް މިތަނުގެ ޑޮކްޓަރުން އަހަންނަށް ބަލީގެ ހުރިހާ ކަމެއް ކިޔައިދިނުމުން ހާސްކަން ކުޑަވި. އެންމެ ބޮޑަށް ހާސްވީ އިގިރޭސިބަސް ނޭނގޭތީ" އެމީހާ ބުންޏެވެ.
ބަލިހާލުގައި ހޭދަކުރި ދުވަސްތައް ސިފަކޮށްދެމުން އޭނާބުނީ ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ ބޭފުޅުންގެ ފަރާތުން ލިބުނު އެހީތެރިކަމަކީ ދުނިޔޭގެ އެެހެން ތަނަކުންވެސް ވަކި އިތުރަށް ނުލިބޭނެވަރުގެ ފުރިހަމަ ޚިދުމަތްތަކެއްކަމަށެވެ. ރާއްޖެއިން ލިބެމުންދިޔަ ޞިއްޙީ ފަރުވާއާއި އަޅާލުމަކީ މުޅި ރާއްޖޭގެ ރައްޔިތުން ފަޚުރުވެރިވާފަދަ ޚިދުމަތްތަކެއްކަމަށް އޭނާ ބުންޏެވެ. މިފަދަ ރަނގަޅު ޚިދުމަތްތަކެއް ރާއްޖޭގެ ޞިއްޙީ ދާއިން ލިބިދާނެކަމަށް ކުރިން އުންމީދުވެސް ނުކުރާކަމަށް އޭޏާ ބުންޏެވެ. އަދި ކޮންމެ ދުވަހަކު އަމިއްލަ ޤައުމުގެ ރައްޔިތުން އުޅޭ ޙާލު ފެނުމުން އެކަމާ ވަރަށްދެރަވެ ހިތާމަކުރާކަމަށް އޭނާ ބުންޏެވެ.
"އަމިއްލަ ޤައުމުގައި ލިބޭ ޞިއްޙީ ފަރުވާއަށްވުރެ ރަނގަޅުފަރުވާ މި ޤައުމުގައި އަހަންނަށްލިބިއްޖެ. މިތަނުގެ މުވައްޒަފުން ވަރަށްއެހީވި އަހަންނަށް. ހީކުރިވަރަށްވުރެ މި ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު. ވަރަށް އުފާވެފައި މިހިރީ ލިބުނު ޚިދުމަތާމެދު" އޭނާ ބުންޏެވެ.
ރާއްޖެއަކީ އޭނާ ކިތަންމެ ގިނައިން އައި ޤައުމަކަށް ވިޔަސް ރާއްޖެއާމެދު އެއްވެސް ވަރަކަށް ފޫހިނުވިކަމަށް އޭނާ ބުންޏެވެ. ރާއްޖޭގެ ރީތިކަމާއި ރައްޔިތުންގެ ހިތްހެޔޮކަން ފާހަގަކޮށް އޭނާވަނީ ޝުކުރު އަދާކޮށްފައެވެ. އޭނާ ބުނީ ހޮސްޕިޓަލުން ދޫކޮށްލުމުން ޤައުމަށް ދިއުމަށްފަހު ވަރަށް އަވަހަށް އަނެއްކާވެސް ރާއްޖެއަށް އަންނަން ބޭނުންވާކަމަށެވެ. އަދި އެބުރި އަންނަންބޭނުންވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ނޫންކަމަށާ ރާއްޖޭގެ ރިސޯޓަކަށްކަމުގައި ސަމާސާކުރަމުން އޭނާބުންނެވެ.
"އަހަރެން މިތަނުގައި ވަރަށް އުފަލުން މިހިރީ. މިވަތު އިޓަލީގައި ހުރުމަށްވުރެ މިތަނުގައި ހުރުން މާރަނގަޅު. މިތަނުގެ ޑޮކްޓަރުންނާއި އެންމެވެސް ހަމަ އެއްވަނަ. ކިތަންމެ ވަރަކަށް އަޔަސް މިހާރީތި ޤައުމެއްދެކެ ކިހިނެތް ފޫހިވާނީ. އަދިވެސް އެބުރި އަންނާނަން. އެކަމަކު ދަރުމަވަންތަ ހޮސްޕިޓަލަކަށްނޫން. ރައްޖޭގެ ކޮންމެވެސް ރިސޯޓަކަށް" އޭނާ ބުންޏެވެ.
މިބަލީގައި އިޓަލީގެ މިމީހާއާއެކު އެނާގެ އަންހެނުންވެސް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިދެމީހުންނަށްވެސް ފަރުވާ ދީފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.