ޚަބަރު

ކޯވިޑް- 19 : ބުރާސްފަތި ދުވަހުން ފެށިގެން ވަކި ގަޑިތަކެއްގައި ފިހާރަ، ޓޭކްއަވޭ، އާންމު މަސައްކަތް މަނާ


މާލެ، ހުޅުމާލެ، ވިލިމާލެ، ވަކި ވަގުތެއްގައި ފިހާރަތައް ބަންދުކުރުމާއި، ޓޭކްއަވޭގެ ޚިދުމަތް ދޭ ވަގުތާއި، ޢިމާރާތްކުރުމުގެ މަސައްކަތް ކުރާ ވަގުތަށް ބަދަލުގެނައުމަށް އެޗްޕީއޭއިން ނިންމަވައިފިއެވެ.

ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކާ، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ބުރާސްފަތި ދުވަހުގެ ރޭގަނޑު 11 އިން ހެނދުނު 6 އަށް ފިހާރަތަކުން ދޭ ޚިދުމަތްތަކާއި ޓޭކްއަވޭގެ ޚިދުމަތާއި ޢިމާރާތްކުރުމުގެ މަސައްކަތް ކުރުން ހުއްޓަލުމަށް އެޗްޕީއޭއިންވަނީ އަންގާފައެވެ.

  • ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އިން ފެށިގެން، ވަކި ގޮތެއް އަންގަންދެން، އަޅަން ނިންމާފަިއވާ ފިޔަވަޅުތައް:-
  • މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި ހިންގާ އެންމެހައި ފިހާރަތައް، ރޭގަނޑު 11:00 އިން ހެނދުނު 6:00 އަށް ބަންދުކުރުން.
  • މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި ހިންގާ ކެފޭ، ރެސްޓޯރެންޓް، ހޮޓާ ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތް ދޭ އެންމެހައި ތަންތަނުން ދޭ ޓޭކްއަވޭގެ ޚިދުމަތް، ރޭގަނޑު 12:00 އިން ފެށިގެން ހެނދުނު 6:00 އަށް މެދުކަނޑާލުން.
  • މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި ހިނގަމުންދާ ޢިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތައް، ހަވީރު 5:00 އިން ފެށިގެން ހެނދުނު 6:00 އަށް މެދުކަނޑާލުން.


މި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހާ އިދާރާތަކަށާއި
ފަރާތްތަކަށް އެޗްޕީއޭއިންވަނީ އަންގަވާފައެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށްވެސްވަނީ އަންގަވާފައެވެ.

ކޯވިޑް 19 ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ގެންދަވަނީ ފިޔަވޅުތައް އަޅަމުންނެވެ. އެގޮތުން މަރޗްމަހުގެ 21 ވަނަ ދުވަހުގެރޭ މެންދަމު ބާރައިން ފެށިގެން މާލެ ސަރަހައްދުގައި ކެއިންބުމުގެ ޚިދުމަތްދޭ ހުރިހާ ތަނެއް ބަންދުކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. މާލޭގައި ހިންގަމުންދާ ކެފޭ ރެސްޓޯރެންޓުތަކާއި، އެތަންތަނުން ދެމުންދާ އެންމެހައި ޚިދުމަތްތައް ބަންދުކުރި ނަމަވެސް ޓެކްއަވޭ އުސޫލުން ކާބޯތަކެތި ވިއްކުމަށް ހުރަހެއް ނެތްކަމަށް ސަރުކާރުން ކުރިންވަނީ ހާމަކުރައްވާފައެވެ. ނަމަވެސް މާދަމާ ރެއިން ފެށިގެން އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރޭގަނޑު 11 އިން ހެނދުނު 6 އަށް ޓޭކްއަވޭގެ ޚިދުމްތަވެސް ނުދެވޭނެ ކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.

ކޯވިޑު 19 އިން ރައްކާތެރިވުމަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުން ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރެންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުންވެސް ސަރުކާރުންވަނީ މަނާކޮށްފައެވެ.