ޚަބަރު

ކޯވިޑް- 19 : މާދަމާއިން ފެށިގެން ވަކި ގަޑިތަކެއްގައި ބޭރަށް ނިކުމެ އުޅުން މަނާ


ކޯވިޑް 19 އިން ރައްކާތެރިވުމަށް އަޅަމުން އަންނަ ފިޔަވަޅުތައް ވަރުގަދަކޮށް މާދަމާ މެންދުރުން ފެށިގެން މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގެ މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާކުރުމަށް އެޗްޕީއޭން އިން ނިންމައިފިއިވެ. ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިގެންވާ ޤާނޫނީ ބާރުގެ ދަށުން މާދަމާއިން ފެށިގެން އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓުވުމަށްވެސް ވަނީ އަންގަވާފައެވެ.


ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރި ކަމަށްޓަކާ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، މާދަމާ މެންދުރު 12:00 ގެ ފަހުން މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން ވަނީ ނިންމަވާފައެވެ. މިގޮތުން ހަވީރު 5 އިން ރޭގަނޑު 8 އަށް މާލެއާއި ވިލިމާލެއާއި، ހުޅުމާލޭގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީންވަނީ އަންގަވާފައެވެ.

މީގެއިތުރުން ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީ) ގެ ޚިދުމަތް ހުއްޓާލުމަށްވެސް އެޗްޕީއޭއިންވަނީ އަންގަވާފައެވެ. އަދި މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި، މަތީގައި ބަޔާންވެފައިވާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައިވެސް އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށްވެސްވަނީ އަންގަވާފައެވެ.

މިގަޑިތަކުގައި ނިކުމެ އުޅުން އިސްތިސްނާވާ ފަރާތްތަކެއްގެ ގޮތުގައި ހިމެނެނީ:-

- ސަލާމަތީ ބާރުތަކާއި، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަދުފަހަރު
- ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރު
- ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އުރީދޫ، ދިރާގު، ބޭންކުތައް، އެސް.ޓީ.އޯ، ސްޓެލްކޯ، އެމް.ޑަބްލިއު.އެސް.ސީ.ގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
- ދައުލަތުގެ ("ޖީ" ބޯޑު ހަރުކޮށްފައިވާ) އުޅަނދުފަހަރާއި، ޑިޕްލޮމެޓިކް އުޅަނދު ފަހަރު
- އެމްބިއުލަންސް،
- ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް
- ފާމަސީތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދޫކޮށްފައިވާ ޚާއްޞަ ސްޓިކަރ ޖަހައިފައިވާ އުޅަނދުތައް

މިފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހާ އިދާރާތަކަށާއި
ފަރާތްތަކަށް އެޗްޕީއޭއިންވަނީ އަންގަވާފައެވެ. އަދި، މި އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހާ ފަރާތްތަކަށް އެޗްޕީއޭއިންވަނީ އަންގަވާފައެވެ.