ޚަބަރު

ކޯވިޑް-19 : މިޙާލަތުގައި ޖޭއެސްސީން މަސައްކަތް ކުރާނެ އުސޫލެއް އެކުލަވާލައިފި


ކޯވިޑް-19ގެ މިޙާލަތާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މަސައްކަތްތައް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނެ އުސޫލުތަކެއް ކަނޑައަޅައިފިއެވެ.

މައިކްރޯސޮފްޓް އޮފީސްގެ ޓީމްސް މެދުވެރިކޮށް މިއަދު ކުރިއަށް ގެންދިޔަ ޖޭއެސްސީގެ ބައްދަލުވުމުގައި ވަނީ ސަރުކާރު ބަންދު ކޮށްފައިވީނަމަވެސް މިޙާލަތު ދިގު މުއްދަތަކަށް މެދުނުކެނޑޭނެގޮތަށް، ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ގޭގައިތިބެ ރަސްމީ މަސައްކަތް ކުރިއަށް ގެންދާނެ އުސޫލެއް އެކުލަވާލައި އެ އުސޫލަށް އަންނަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރުމަށްވަނީ ފާސްކޮށްފައެވެ.

އެއުސޫލުގައިވަނީ މުވައްޒަފުންގެ ފްލެކްސިބިލިޓީއަށް ގޭގައި މަސައްކަތް ކުރެވޭގޮތަށް، އަދި ވަކި ދުވަހަކު ވަކި ގަޑިއެއް ހަމަނުކުރިކަމުގައިވިޔަސް މަސައްކަތް ކުރެވޭގޮތަށް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، ޢާއްމުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން، މިކޮމިޝަނަށް ފޮނުވަންޖެހޭ ހުރިހާ ލިޔެކިޔުމެއް ކޮމިޝަންގެ ރަސްމީ އީ-މެއިލް އެޑްރެހަށް ފޮނުވުމުން އެލިޔެކިޔުންތައް ބަލަގަނެ މަސައްކަތް ކުރިއަށް ގެންދެވޭގޮތަށް މަސައްކަތްތައް ރޭވުމަށްވެސް ކޮމިޝަނުން ނިންމަވާފައިވެއެވެ.