ޚަބަރު

ކޯވިޑް-19: މެމްބަރުންގެ ޝުކުރު ޑޮކްޓަރުންނަށް، އިލްތިމާސް ރައްޔިތުންނަށް


ކޯވިޑް 19 އާއިގުޅިގެން ރާއްޖެއިން މިހާތަނަށް މަސައްކަތް ކުރަމުންދިޔަ ގޮތާއި، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ޝުކުރު ޙައްގުވަނީ ޞިއްޚީ ޚިދުމަތްތެރިންނަށްކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާއި މެދު މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ހުށައަޅުއްވާފައިވާ މައްސަލައަށް ބަހުސްކުރެއްވި މެމްބަރުން ވިދާޅުވީ މިދަނޑިވަޅަކީ ޤައުމުގެ ސަލާމާތާއި ރައްކަލަށްޓަކައި ރައްޔިތުން ގޭގައި ތިއްބަވަންވީ ވަގުތުކަމަށެވެ.

މިމައުޟޫ ގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢު ވިދާޅުވީ މުޅި ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ބައްޔެއް ރާއްޖޭގައި ކޮންޓްރޯލްވެފައި އޮތް އޮތުމަކީ ދިވެހި ޞިއްޚީ ޚިދުމަތްތެރިންގެ މަސައްކަތް ފެންނަމުންދާކަމެއްކަމަށެވެ. ރެއާއި ދުވާލު ޑޮކްޓަރުންނާއި، ނަރުހުންނާއި ޞިއްޚީ ޚިދުމަތްތެރިން އެއްވެސް ވަރުބަލިކަމެއްނެތި މިނުރައްކާތެރި ބައްޔާ ދެކޮޅަށް ކުރާ މަސައްކަތަކީ ޝުކުރު ހައްޤު މަސައްކަތެއްކަމަށެވެ.

މިމައުޟޫގައި ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ ޞިއްޚީ ޚިދުމަތެރިންގެ ބުރަ މަސައްކަތާއިއެކު ޤައުމު ސަލާމާތްކުރުމުގެ ފުރިހަމަ ޒިންމާ އޮތީ ރައްޔިތުންގެ ކޮޑުގައި އެޅިފައިކަމަށެވެ. ޤައުމާއި ރައްޔިތުން ސަލާމަތް ކުރެއްވުމަށް ކަމާއިބެހޭ ފަރާތްތަކުން ކުރައްވާ މަސައްކަތަށް ރައްޔިތުންނަށް ކޮށްދެވެން އޮތްކަމީ ގޭގައި ތިއްބެވުންކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ޞިއްޚީ ގޮތުން މުޅި ދުނިޔެ ބަލިމަޑުކަމެއްގައި އޮތް ދަނޑިވަޅެއްގައި ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމެއްގައި ދުނިޔޭގެ އެހެން ޤައުމުތަކަށްވުރެ މިކަމުގައި ގޮންޖެހުން ބޮޑުވާނެކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ. ރާއްޖެއަކީ ހުރިހާ ގޮތަކުން ބެލިޔަސް ފުދުންތެރިކަން މަދު އިންސާނީ ވަލީތްވެސް މަދުޤައުމަކަށްވާއިރު މިކަންކަމުން އަރައިގަތުމަށް ކަމާއިބެހޭ ފަރާތްތަކުގެ އިލްތިމާސް މިދަނޑިވަޅުގައި ބަލައިގަންނަންޖެހޭކަމަށެވެ.

މުޅި ރައްޔިތުންގެ ސަލާމާތާއި ޞިއްޚީ ރައްކާތެރިކަމަށްޓަކައި ސަރުކާރާއި ކަމާއިބެހޭ ފަރާތްތަކުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަށްވެސް މިމައުޟޫގައި ވާހަކަދެއްކެވި މެމްބަރުންވަނީ ތައުރީފް ކުރައްވާފައެވެ. އަދި މިހާތަނަށް ބަލި ކޮންޓްރޯލްވެ ފެތުރިގެން ނުދާ އެއްސަބަބަކީވެސް މިފިޔަވަޅުތައްކަމުގައި މެމްމަބަރުންވަނީ ވިދާޅުވެފައެވެ.