ކާގޯގެ ގޮތުގައި ސްރީލަންކާއަށް ފޮނުވޭނީ ލަންކާއިން ލިބެންނެތް ބޭހެއް ނުވަތަ އެހެނިހެންވެސް ޒަރޫރީ ކަމެއްގައި ފޮނުވާ ތަކެތި ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ. އެފަރާތުން މިކަން ހާމަކުރައްވާފައިވަނީ ކޯވިޑް 19 އާ ގުޅިގެން ސްރީލަންކާގައި ދިރިއުޅޭ ރައްޔިތުންނަށް ތަކެތި ފޮނުވުމަށް ހަމަޖެއްސި ކާގޯ ފްލައިޓްގައި ތަކެތިފޮނުވުމުގެ އުސޫލްގައެވެ.
ކޯވިޑް-19 އާއި ގުޅިގެން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ ގިނަ ބަޔަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއްތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، މިފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސްރީލަންކާއަށް މޯލްޑިވިއަން އިން ކުރުމަށް ހަމަޖެހިފައިވާ ކާގޯ ފްލައިޓްތަކުގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައިދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
އެގޮތުން، ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހަކު ސްރީލަންކާއަށް ކާގޯފްލައިޓް ދަތުރުކުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކުން ފޮރިން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް އެމިނިސްޓްރީންވަނީ އެދިވަޑައިގެންފައެވެ. މިނިސްޓްރީއަށް ހުށަހެޅޭ ފޯމް، އެޕްރޫވް ކުރުމަށްފަހު ފޯމް ހުށަހަޅާފަރާތައް އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެ ކަމަށްވެސް އެމިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
ކާގޯ ފުލައިޓްތަކުގައި ތަކެތި ފޮނުވައި ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުކޮށްފައިވާ އުސޫލުގައި ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެއްޗާއި ފޮނުވަން އެކަށީގެންނުވާ ތަކެތީގެ ތަފްސީލު ހިމަނާފައިވެއެވެ. މިއުސޫލްގައިވާ ގޮތުން ކޮންމެ އާއިލާއަކަށް ފޮނުވޭނީ ގިނަވެގެން 15kg ގެ ތަކެއްޗެވެ.
ކާގޯގެ ގޮތުގައި ނުފޮނުވޭނެ ތަކެތީގެ ތެރޭގައި ހިމެނެނީ ފައިސާ އާއި ތަރުކާރީ އެވެ.
ކޮންމެ ފްލައިޓަކަށްވެސް ކާގޯގެގޮތުގައި ގެންދެވޭނީ ވަކި އަދަދެއްކަމަށްވާތީ، ފޯމް ހުށަހަޅާ ތަރުތީބަށް އިސްކަންދެވޭނެ ކަމަށް މިއުސޫލްގައިވެއެވެ.
ކާގޯގެ ގޮތުގައި ފޮނުވަން ބޭނުންވާ ތަކެތި ގެންނަންވާނީ ފޮށިގަނޑެއްގައި، އެޕްރޫވް ކޮށްފައިވާ ފޯމާއެކު ކަމަށާއި، މިތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލޭ ބަސްޓޭޝަންގައި ހުންނަ މޯލްޑިވިއަން ސިޓީ ޗެކިން އޮފީސް އިން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 0900 އިން 1300 ކަމަށް މިކަމަށްޓަކައި އެކުލަވާލި އުސޫލްގައިވެއެވެ.
މިތަކެތި ފޮށިގަނޑުގައި ބަންދުކުރަންވާނީ މޯލްޑިވްސް ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީން ބެލުމަށް ފަހު ކަމަށާއި ރާއްޖެއިން ފޮނުވާތަކެތި ސްރީލަންކާގެ ކަސްޓަމްސްއިން ކްލިއަރ ކުރުމަށްފަހު، ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ހަވާލުވެ، މިތަކެތި ލިބެންވީ ފަރާތްތަކަށް ރައްދު ކުރާނީ ހައިކޮމިޝަނުން ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވާފައިވާ އުސޫލްގައިވެއެވެ.