ޚަބަރު

ތިންވަނަ ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން ތިންވަނަ ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިބައްޔަށް ޕޮޒިޓިވް ވެފައިވަނީ ރޯޔަލް އައިލެންޑް ރިޒޯޓުގެ ކަރަންޓީނު ފެސިލިޓީގައި ހުރި ދިވެއްސެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވެއެވެ. މިމީހާއަކީ އިނގިރޭސިވިލާތުން އެނބުރި ރާއްޖެ އައި މީހެކެވެ.

ރާއްޖެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި ތިން ދިވެހިންނަކީވެސް އިނގިރޭސިވިލާތުން އައިސް ކަރަންޓީންގައި ތިބި މީހުންނެވެ.

މިއާއެކު މިހާރު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ޢަދަދު މިވަނީ 18 އަށް އިތުރުވެފައެވެ. އަދި އެ އަށާރަ މީހުންގެ ތެރެއިން 13 މީހުން ވަނީ މި ބަލިން އެއްކޮށް ރަނގަޅުވެފައެވެ. އަދި ދެ މީހުންނަކީ ރާއްޖެ ދޫކޮށް ދިޔަފަހުން ކޯވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ސާމްޕަލްތަކުން ދެއްކި އިޓަލީވިލާތުގެ ދެމީހުންނެވެ.

އަދި މިހާރު މި ބައްޔަށް ފަރުވާދެމުން އަންނަ 3 ދިވެހިންގެ ހާލުވެސް ރަނގަޅުކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ.

ކޯވިޑް-19އަށް ރާއްޖެއިން ފުރަތަމަ ޕޮޒިޓިވްވި ދިވެހި މީހާއާ، ސީދާ ދިމާވި 29 މީހަކު ހޯމް އައިސޮލޭޝަންގައި ބައިތިއްބާފައިވާ ކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ ހާމަކުރައްވާފައެވެ.

  • ކޯވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވާ 18 މީހުންނަކީ:
  • 7 މާރޗް 2020 ކުރެއްދޫ އިން 2 ބިދޭސީން
  • 9 މާރޗް 2020 ބަތަލާ ރިސޯޓުން 2 ބިދޭސީން
  • 9 މާރޗް 2020 ކުރެއްދޫއިން އިތުރު 2 ބިދޭސީން
  • 11 މާރޗް 2020 ކުރަމަތި ރިސޯޓުން 2 ބިދޭސީން
  • 13 މާރޗް 2020 އަނަންތަރާ ދިގު ރިސޯޓުން 1 ބިދޭސީއެއް
  • 14 މާރޗް 2020 ކުރެއްދޫއިން 1 ބިދޭސީއެއް
  • 15 މާރޗް 2020 އަންނަތާރާ ދިގު ރިސޯޓުން ބިދޭސީއެއް
  • 15 މާރޗް 2020 އައިލެންޑް ސަފާރީއިން 2 ބިދޭސީން
  • 27 މާރޗް 2020 އިނގިރޭސިވިލާތުން ރާއްޖެއައި ދިވެއްސެއް
  • 27 މާރޗް 2020 ރާއްޖެއިން ފުރައިގެންދިޔަ އިޓަލީ 2 ބިދޭސީން
  • 29 މާރޗް 2020 އިނގިރޭސިވިލާތުން ރާއްޖެއައި ދިވެއްސެއް
  • 31 މާރޗް 2020 އިނގިރޭސިވިލާތުން ރާއްޖެއައި ދިވެއްސެއް

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 18 އަށް އިތުރުވެފައި ވީނަމަވެސް، "ކޮމިއުނިޓީ ސްޕްރެޑެއް" ނުވަތަ ޢާންމުންގެ ތެރޭގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދި އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެފަދަ ނިޝާނެއް ނެތްކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މި ބަލިން ރައްކާތެރިވުމަށްޓަކައި ގެއިން ބޭރަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.