ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރެގެން ރާއްޖެއިން 1000 އަށް ވުރެ ގިނަ ސާމްޕަލް ނަގައިފިއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް އަޒީޒް ވިދާޅުވެ ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރެގެން 1089 ސާމްޕަލް ނަގާފައިވާކަމަށެވެ. އޭގެ ތެރެއިން 933 ސާމްޕަލް ނެގެޓިވް ވެފައިވާއިރު ޕޮޒިޓިވް ވެފައިވަނީ 17 މީހެއްކަމަށެވެ. މިހާތަނަށް ލެބޯރިޓީގައި 139 ސާމްޕަލްގެ ނަތީޖާ ނުލިބިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.
ކޯވިޑަށް ޝައްކުކުރެވިގެންނާ ބަލި ޖެހި ރަގަޅުވެފައިވާ މީހުންގެ ތެރެއިން 20 މީހަކު އައިސޮލޭޝަންގައި ބޭތިއްބިފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ. އޭގެ ތެރެއިން 17 މީހަކު ބައިތިއްބިފައިވަނީ ވެލިދޫ އައިސޮލޭޝަންގައެވެ. އަނެއް 3 މީހުންނަށް ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީސްގައެވެ. ކަރަންޓީން ފެސިލިޓީސްތަކުގައި މިހާރު ތިބި މީހުންގެ ޖުމްލަ ޢަދަދަކީ 867 މީހެއްކަމަށް މަބުރޫކް ވިދާޅުވިއެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފްލޫ ކްލިނިކްތަކެއް ވަނީ ޢާއިމްކޮށްފައެވެ. މިކްލިނިކްތަކަށް ފާއިތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 255 މީހަކުވަނީ ކްލިނިކްތަކުގެ ޚިދުމަތް ހޯދާފައެވެ. ކްލިނިކްތައް ހުޅުވުނުފަހުން މިހާތަނަށް 4868 މީހަކު ކުލިނިކްތަކުން ޚިދުމަތް ހޯދާފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.
ކޯވިޑް-19އާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން ބޭރުގެ އެއްވެސް މީހަކަށް ރާއްޖެއަށް ނާދެވޭގޮތަށް އެއާޕޯރޓްގެ ޚިދުމަތްވަނީ މެދުކަނޑާލާފައެވެ. މިއާއެކު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަމީހުންގެ ޢަދަދުވަނީ އިގިލިން ގުނާލެވޭހާ މަދުވެފައެވެ. މިއަދުވެސް މިހާތަނަށް ރާއްޖެ އައިސްފައިވަނީ 6 މީހެކެވެ. މި 6 މީހުންނަކީ ޑިޕްލޮމެޓިކް ކްލިއަރެންސުގެ ތެރެއިން އަދާރަން ރިސޯޓަށް އައިސްފައިވާ އެމްރެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ 6 މީހެކެވެ.