ޚަބަރު

ކޯވިޑް-19 : ރާއްޖޭގައި ހިންގާ ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން މެދުކަނޑާލަން އަންގައިފި


ކޯވިޑް-19އާ ގުޅިގެން ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގައި ހިންގާ ހުރިހާ ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ވަގުތީގޮތުން ހުއްޓައިލަން އެޗްޕީއޭއިން އަންގައިފިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ޓަކައި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، މާދަމައިން ފެށިގެން ވަކި ގޮތެއް އަންގަންދެން ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ވަގުތީގޮތުން ހުއްޓައިލުމަށް ވަނީ އަންގާފައެވެ.

އެޗްޕީއޭގެ މިއެންގުމާއި ޚިލާފްވާ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި މިއެންގުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ފާއިތުވެދިޔަ ހަފްތާއާއި، މިހަފްތާވެސް ސަރުކާރުވަނީ ބަންދުކޮށްފައެވެ. އަދި ވަކިން ޚާއްސަކޮށް މީހުން ގިނައިން އެއްވާ ތަންތަނަށް އެއް ނުވެވޭނެހެން ސަރުކާރުން ވަނީ ގިނަފިޔަވަޅުތަކެއް އަޅުއްވާފައެވެ.