ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ޕޮޒިޓިވްވި 13 މީހަކު ރަނގަޅުވެއްޖެ


ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ.މޫސާ މުރާދު ވިދާޅުވީ 13 މީހުން ރަނގަޅުވުމާއެކު މިހާރު ފަރުވާދެމުންދަނީ ފަހުން ކޯވިޑް-19އަށް ޕޮޒިޓިވްވި ދެ ދިވެހިންނަށް އެކަނިކަމަށެވެ.

އޭނާ ވިދާޅުވީ ފަރުވާދެމުންދާ ދެދިވެހިންގެވެސް ޙާލު ރަނގަޅުކަމަށެވެ. ޑރ.ވިދާޅުވީ މިހާތަނަށް ޓެސްޓުގެ ނަތީޖާ ނެގެޓިވިވި މީހުން ދޫކުރަމުންދާނީ 30 ދުވަހުގެ ކަރަންޓީނަށްފަހުގައިކަމަށެވެ. އަދި މީގެ ތެރެއިން ބަލި ބޮޑުވި މީހުން ދޫކުރާނީ ބަލީގައި ބަލާނެ އެންމެ ދިގުމުއްދަތަކަށް ބެލުމަށްފަހު ކަމަށްވެސް ޑރ.މުރާދު ވިދާޅުވިއެވެ.

ކޯވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 17 މީހެއް

  • 7 މާރޗް 2020 ކުރެއްދޫ އިން 2 މީހުން
  • 9 މާރޗް 2020 ބަތަލާ ރިސޯޓުން 2 މީހުން
  • 9 މާރޗް 2020 ކުރެއްދޫއިން އިތުރު 2 މީހުން
  • 11 މާރޗް 2020 ކުރަމަތި ރިސޯޓުން 2 މީހުން
  • 13 މާރޗް 2020 އަނަންތަރާ ދިގު ރިސޯޓުން 1 މީހުން
  • 14 މާރޗް 2020 ކުރެއްދޫއިން 1 މީހުން
  • 15 މާރޗް 2020 އަންނަތާރާ ދިގު ރިސޯޓުން އެކަކު
  • 15 މާރޗް 2020 އައިލެންޑް ސަފާރީއިން 2 މީހުން
  • 27 މާރޗް 2020 އިގިރޭސިވިލާތުން ރާއްޖެއައި ދިވެއްސެއް
  • 27 މާރޗް 2020 ރާއްޖެއިން ފުރައިގެންދިޔަ އިޓަލީ 2 މީހެއް
  • 29 މާރޗް 2020 އިގިރޭސިވިލާތުން ރާއްޖެއައި ދިވެއްސެއް

ކޯވިޑް-19އަށް ރާއްޖެއިން ކުރަމުންދާ ޓެސްޓްތަކާ ގުޅޭގޮތުން ޑރ.މޫސާ މުރާދު ވިދާޅުވީ މިޓެސްޓަކީ ދުނިޔޭގެ އެހެންތަންތަނުގައިވެސް ކުރެވެމުންދާ ޓެސްޓުކަމަށެވެ. އަދި މިޓެސްޓަކީ %95 ޔަޤީން ޓެސްޓެއްކަަމަށްވެސް ޑރ.މުރާދު ވިދާޅުވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއެކު، ކަމާ ގުޅުންހުރި ފަރާތްތަކުން ދޭ އިރުޝާދުތައް އަޑުއަހައި އެފަރާތްތަކަށް އެއްބާރުލުން ދިނުމަށް ސަރުކާރުން ގެންދަވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވަމުންނެވެ.