ވިޔަފާރި

ކޯވިޑް-19 : ބީއެމްއެލްގެ ލޯނުތަކަށް ފައިސާ ދެއްކުން ފަސްކޮށްދޭ މުއްދަތުގައި އިތުރު އިންޓަރެސްޓެއް ނުނަގާނެ


ބީއެމްއެލްގެ ލޯނުތަކަށް ފައިސާ ދެއްކުން ފަސްކޮށްދޭ ހަމަސްދުވަހަށް އިތުރު އިންޓަރެސްޓެއް ނުނަގާނެ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލުން ކުރިން ހާމަކޮށްފައިވާ ގޮތުން، ފައިސާ ދެއްކުން ފަސްކޮށްދޭ 6 މަސް ދުވަހު ލޯނުގެ އިންޓަރެސްޓަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވި ލޯނުގެ ބާކީ މުއްދަތުގެ ތެރޭގައި މަހުންމަހަށް ބަހާލައިގެން ދައްކަން ޖެހެއެވެ. ނަމަވެސް މިހާރު އެ ބެންކުން ވަނީ ލޯނު އަނބުރާ ދެއްކުން ފަސްކޮށްދޭ މުއްދަތުގައި ކޮމްޕައުންޑްކޮށް އިންޓަރެސްޓް ނުނެގުމަށް ނިންމާފައެވެ.

ބީއެމްއެލްއިން ލޯނުތައް ދެއްކުން ފަސްކޮށްދިނުމަށްފަހު އެ މުއްދަތުގައި ޑަބަލްކޮށް އިންޓްރަސްޓް ނަގަން ނިންމާފައިވާކަމަށްބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާތީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވެސް އެކަން ސާފުކޮށްދެއްވާފައެވެ. މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭންކުން އިތުރަށް އިންޓަރެސްޓް ނުނަގާނެކަން ކަށަވަރުކޮށްދޭ ކަމަށާ، ބޭންކުން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންނަށް ލުޔެއް ދެވެން އޮތް އެންމެ ރަނގަޅަކަށް އެކަން ކޮށްދިނުމަށް ކަމަށެވެ.

ބީއެމްއެލްއިން ވަނީ ލޯނު އަނބުރާ ދެއްކުން ފަސްކޮށްދޭ ޝަރުތުވެސް އިތުރަށް ލުއި ކޮށްދީފައެވެ. އެގޮތުން ލޯނަށް ފައިސާ ނުދައްކާ އެއްމަސް ދުވަސް ވެފައި ތިބޭ ކަސްޓަމަރުންނަށްވެސް އެ ފައިސާ އަނބުރާ ދެއްކުމަށްފަހު ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދެވޭނެ ކަމަށެވެ. ބީއެމްއެލުން ބުނީ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައިވެސް ލޯނުގެ ފައިސާ ފަހުންދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަސްޓަމަރުންނަށް އެދެވޭނެ ކަމަށެވެ.

ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާ ދެއްކުން ފަަސްކުރަން އެދޭ ކަސްޓަމަރުންނަށް މިމަހުގެ 30 ވަނަ ދުވަހުގެ ފަހުން އެކަމަށް އެދި އޮންލައިންކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވާކަމަށްވެސް ބީއެމްއެލްއިން ބުނޭ.

ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުން ނަގާފައިވާ ޕަރސަނަލް، ހައުސިންގ، އަދި ބިޒްނަސް ފައިނޭންސިންގ ތެރެއިން މުރާބަހާ ފައިނޭންސިންގ ފިޔަވައި ހުރިހާ ފައިނޭންސިންގ އަކަށްވެސް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މުރާބަހާ ފައިނޭންސިންގ ނަގާފައިވާ ކަސްޓަމަރުންނަށް މިކަމާ ގުޅޭ ގޮތުން ބޭންކުން މައުލޫމާތުދޭނެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނުތައް ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުމަށް ނިންމައި މިމަހުގެ 25ވަނަ ދުވަހު ވަނީ އެކަން އިއުލާންކޮށްފައެވެ. ދިވެހި އިގްތިސާދަށް ބޭންކުން ވެދޭ އެހީތެރިކަމަކީ މިހާރުގެ ހާލަތާ އެކަށޭނެ އަދި ބޭންކުން އަމަލުކުރަންޖެހޭ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ފޯރުކޮށްދެވޭ އެހީތެރިކަމަކަށް ހެދުމަށްޓަކައި އެ ދުވަހުން ފެށިގެން ބޭންކުން، ބައިނަލްއަޤްވާމީ އެކައުންޓެންސީ އިދާރާތަކާއި، ސަރުކާރާއި ރެގިއުލޭޓަރީ އިދާރާތަކާ އެއްކޮށް މަޝްވަރާކޮށް މަސައްކަތްކުރަމުންދާކަމަށްވެސް ބީއެމްއެލުން ބުނެއެވެ.