ކޯވިޑް-19

ކޯވިޑް-19 : ސްޓޭ އެޓް ހޯމް ޗެލެންޖް - ނުތަނަވަސް މި ދަނޑިވަޅުގައިވެސް އުއްމީދު ގެނުވާކަމެއް


ކޯވިޑް-19ގެ ނުރައްކާ މުޅި ދުނިޔެއަށް ފެތުރިފައިވާއިރު، މި ބަލިން ރައްކާތެރިވުމަށްޓަކާ މިވަގުތު ކުރުން އެންމެ މުހިއްމުކަމެއްގެ ގޮތުގައި ޞިއްޙީ ފަރާތްތަކުން އިރުޝާދު ދެނީ ސޯޝަލް ޑިސްޓެންސިންގ ނުވަތަ އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމަށެވެ. ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އިލްތިމާސްއަކީވެސް އެއީއެވެ.

މިއާއެކު ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ޤައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް، ޤައުމުތަކަށް އެތެރެވުމާއި ބޭރުވުންވަނީ މަނާކޮށްފައެވެ. އަދި ހުރިހާ ފަރާތްތަކުންވެސް އަންނަނީ އާއްމުން ގޭގައި ތިބުމަށް ބާރު އަޅަމުންނެވެ. އަދި މިކަމަށް މަގުފަހިކުރުމަށްޓަކާ ކަރފިއު އިޢުލާންކުރުމާއި، ލޮކްޑައުން ނުވަތަ ފުރަ ބަންދުކުރުން ފަދަ ފިޔަވަޅުތައް އެކި ޤައުމުތަކުން ވަނީ އަޅަން ފަށާފައެވެ. އޮފީސްތަކާއި، ސްކޫލްތަކާއި، ޕާކުތަކާއި، ޖިމްތައް އަދި ސިނަމާތައް ފަދަ އާއްމުން ގިނައިން އެއްވާ ތަންތަން ބަންދުކުރުމުގެ އެންމެ މުހިއްމު ބޭނުމަކީވެސް އާއްމުން ގެއިން ބޭރަށް ނުކުންނަ މިންވަރު ކޮންޓްރޯލްކުރުމެވެ.

އެއްތަނުން އަނެއްތަނަށް ދަތުރުކޮށް، އައު ކަންކަން ތަޖުރިބާކުރުން މިއީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވާނެ ކަމެކެވެ. އެހެންނަމަވެސް މިއަދު މިކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން މިކަން ކުރުމުގައި ދަތިވެ ގޭގެ ހަތަރު ފާރުގެ ތެރޭގައި މިވަނީ ބަންދުވާން ޖެހިފައެވެ. މިކަމުގެ ސަބަބުން މާޔޫސްކަމާއި ފޫހިކަން އިހުސާސްވެފައިވާ މި ދަނޑިވަޅުގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާންމުވަމުންދާ ޗެލެންޖްތަކާއި ކުޅިވަރުތަކަކީ، އަޅުގަނޑު މިދެއްކި ފޫހި ވަގުތު ފުރައިދޭނެ ކަންކަމެވެ. ސޯޝަލް މީޑިއާގައި އާންމުވާ މިފަދަ ކަންކަމަކީ ދިވެހި މުޖުތަމަޢުގައިވެސް ޓްރެންޑްވެ، ބޮޑު މަޤުބޫލުކަމެއް ހޯދަމުންދާކަންކަމެވެ. ހެލިފެލިވެ އުޅެން ޖެހޭގޮތައް ފަރުމާކޮށްފައިވާ މި ހަރަކާތްތަކަކީ، މިކަމުގެ ސަބަބުން ސިއްޙީގޮތުންވެސް ހެޔޮ އަސަރުތަކެއް ހަށިގަނޑަށް ކުރާނެކަމެއްކަން ޔަޤީނެވެ.

މިގޮތުން އެންމެ ފާހަގަކޮށްލެވުނު އަދި ރާއްޖޭގައި މިވަގުތު އެންމެ ބާރަށް ހިނގާ އެއް ޗެލެންޖްއަކީ ސްޓޭ އެޓް ހޯމް ޗެލެންޖެވެ. މިއީ ޓޮއިލެޓް ޕޭޕަރު ބޭނުންކޮށްގެން ފުރިހަމަ ކުރަންޖެހޭ ޗެލެންޖެކެވެ. މައިގަނޑު ޗެލެންޖަކީ ޓޮއިލެޓް ޕޭޕަރުގައި ފައިން ޖަހައިގެން ބިއްމައްޗަށް ވައްޓާނުލާ ގިނަ އިރު ގެންގުޅުމެވެ. ނުވަތަ އޭތި އަމާޒަކަށް ވައްޓާލުމެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި ތިބި ފުޓުބޯޅަ ކުޅުންތެރިންނާއި، އެތްލީޓުންނާއި، ސެލެބްރިޓީންވެސް ހޯމް ކަރަންޓީނުގެ ވަގުތުތައް ފަޅުފިލުވުމަށް އަންނަނީ މި ޗެލެންޖުގައި ބައިވެރިވަމުންނެވެ.

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައިވެސް ޒުވާނުންގެ މެދުގައި މި ޗެލެންޖް މިވަނީ ވައިގައި ހިފަން ފަށާފައެވެ. ޗެލެންޖްގެ މަޤުބޫލުކަން އިތުރުވެ، ޒުވާނުންގެ އިތުރުން ސަރުކާރުގެ އިސްމަޤާމުތަކުގައި ތިއްބަވާ ފަރާތްތަކާއި ދައުލަތުގެ ވަޒީރުންނަށް މިޗެލެންޖް ކުރެވޭ މަންޒަރު މިވަނީ ފެންނަން ފަށާފައެވެ. އާއްމުގޮތެއްގައި މި ޗެލެންޖް ސޯޝަލް މީޑިއާގައި ކުރިއަށްދާގޮތަކީ އަމިއްލައަށް ފުރިހަމަކުރުމަށްފަހު އެހެންމީހަކަށް މިޗެލެންޖް ކުރުމެވެ.

ސަރުކާރުގެ "ހަށި ހެޔޮ ދުޅަހެޔޮ" ޝިއާރާއި ގުޅުވައިގެން ކެބިނެޓް ވަޒީރުންވެސް މި ޗެލެންޖް ސީރިއަސްކޮށް ނަންގަވާ މިހާރު ފެނިގެންދަނީ މި ޗެލްންޖް ފުރިހަމަކުރުމަށް އަތުކުރި އޮޅާލާފައިވާ މަންޒަރެވެ. އަދި މިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު ބައިވެރިވުން ވެގެން މިދިޔައީ މިކަން އިތުރު ހަރުފަތަކަށް ގެންދިޔަކަމަކަށެވެ. ނާއިބު ރައީސް ވަނީ މި ޗެލެންޖުގައި 13 ފަހަރު ފައިން ޖަހައިގެން 9 ސިކުންތު ވަންދެން ޓޮއިލެޓް ޕޭޕަރ ވައްޓާނުލާ ކޮންޓްރޯލްކޮށްގެން ގެންގުޅެފައެވެ. މި މަންޒަރުތައް އެމަނިކުފާނު ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް ތަޢުރީފުކުރަމުންނެވެ.

މިއިން ކޮންމެ ބޭފުޅަކުވެސް އަދި ޖުމްލަ ގޮތެއްގައި ޗެލެންޖުގައި ބައިވެރިވާ އެންމެންވެސް އެމީހުންގެ ވީޑިއޯ އާއްމުކުރަނީ ކޯވިޑް-19 އާއި ގުޅޭގޮތުން މުހިއްމު މެސެޖްތަކަކާއެކުއެވެ. އެއީ ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމަށެވެ. ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށެވެ. ފަހުން ދަތުރުކުރުމަށެވެ.

ކޮންމެއަކަސް މިއަދު މިކަން މިވަނީ ވައިގައި ހިފާ މަޖަލާއި އުފަލުގައި އެންމެ އެކަތިގަނޑަކަށް ހަދާލި ހަރަކާތަކަށް ވެގެން ގޮސްފައެވެ. މިފަދަ ދަތި ދަނޑިވަޅެއްގައި، އާއްމުންގެ މޫނުމައްޗަށް އުފާވެރިކަމާއި ހިނިތުންވުން ގެނުވާ ކަމަކަށް މި ޗެލެންޖް މިވަނީ ވެފައެވެ.

ޓޮއިލެޓް ޕޭޕަރއާއެކު ވައިރަލް ވާން ފަށާފައި މިވަނީ ސްޓޭ އެޓް ހޯމް ޗެލެންޖްގެ ކުޑަ މިންވަރެކެވެ. ނެށުމާއި، ކެއްކުމާއި، ފެހުމާއި، ގަސް އިންދުމާއި، އެކި ކަހަލަ ޕަޒްލްތަކާއި ރިޑިލްތައް ފުރިހަމަ ކުރުމާއި، ބަރު އެއްޗެހި އުފުލުންފަދަ ޗެލެންޖްތަކަކީވެސް މިހާރު ސްޓޭ އެޓް ހޯމް ޗެލެންޖްގެ ތެރޭގައި ހިމެނޭ ކަންކަމެވެ.