ކޯވިޑް-19

ކޯވިޑް-19 : ޕޮލިސީތަކަށް ގެންނަން ފެންނަ ބަދަލުތައް މިދަނީ ބަލަމުން - ޑރ.މުރާދު


ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ޕޮލިސީތަކަށް ގެންނަން ފެންނަ ބަދަލުތައް ބަލަމުންދާކަމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ޓެކްނިކަލް ޓީމުގައި ހިމެނިވަޑައިގަންނަވާ އައި.ޖީ.އެމް.އެޗްގެ އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރ، ޑރ.މުސާ މުރާދު ވިދާޅުވީ، ރާއްޖޭގައި ކަރަންޓީން މުއްދަތު ފުރިހަމަކުރުމަށްފަހު ފުރައިގެން ދިޔަފަހުން ކޯވިޑް-19 އަށް ދެ މީހަކު ޕޮޒިޓިވްވެފައިވާތީ، ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ އުޞޫލުތަކަށް ބަދަލުގެނައުމުގެ މަޝްވަރާތައް މިހާރު ކުރަމުންދާކަމަށެވެ.

އެގޮތުން ހާލަތަށް އަންނަމުންދާ ބަދަލުތަކާއެކު، ބައްޔަށް ޓެސްޓްކުރުމާއި، ކަރަންޓީން ކުރުމާއި އަދި އައިސޮލޭޝަނަށްލުމުގައި އަމަލުކުރާގޮތްތަކަށް ގެންނަންޖެހޭ ބަދަލުތައް ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކޮށް، ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މި ބައްޔަކީ އަލަށް ފެނިފައިވާ ބައްޔަކަށްވުމުން، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މި ބައްޔާގުޅޭގޮތުން ހޯދޭ ހޯދުންތަކާއި، ޢަމަލުކުރަމުންދާ ގޮތްތައް ރާއްޖޭންވެސް ވަރަށް ގާތުން މޮނިޓަރކުރަމުންދާކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ޕޮލިސީތަކަށް ބަދަލު ގެނައުމުގެ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާކަމަށާއި، ވަރަށް އަވަހަށް ބަދަލުތަކެއް ގެނެވިގެންދާނެކަމަށެވެ. އަދި މިކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށާއި، ކަމުގެ ތަަޖުރިބާކާރުން ދެއްވާ ޚިޔާލާއި މަޝްވަރާއަށް ރިޢާޔަތްކުރާނެކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

"މިކަމާގުޅޭގޮތުން އަޅުގަނޑުމެންގެ ޓެކްނިކަލް އެޑްވައިޒަރީ ކޮމެޓީން މަޝްވަރާކުރަމުން ދަނީ ޓެސްޓް ކުރުމުގެ އުޞޫލުތަކާއި، ޕޮލިސީތަކަށް އިތުރަށް ގެންނަންޖެހޭ ބަދަލުތައް ކޮބާތޯ. އަޅުގަނޑުމެންނަށް މިހާރަށް ލިބިފައިވާ މަޢުލޫމާތުތަކާއި، ދުނިޔޭގެ އެހެން އިދާރާތަކުންވެސް ލިބޭ މަޢުލޫމާތުގެ އަލީގައި ޕޮލިސީތަކަށް ގެންނަން ފެންނަ އެންމެ ރަނގަޅު ބަދަލުތަކަކީ ކޮބާތޯ. އަޅުގަނޑުމެންނަށް އެކަންތައްތައް ކުރެވޭނެ މިންވަރުތަކާއި ބެލުމުގެ ދިރާސާތަކެއް ކުރެވެމުންދަނީ" ޑރ.މުސާ މުރާދު ވިދާޅުވިއެވެ.

ޑރ.މުރާދު ވިދާޅުވީ، ކޯވިޑް-19 ރާއްޖޭގެ މުޅި އާބާދީ އެއްފަހަރަށް ކޯވިޑް-19 އަށް ޓެސްޓްކުރުން އެއީ ކުރެވޭނެކަމެއްނޫންކަމަށާއި، ޓެސްޓްކުރުމުގައި ރާއްޖޭގައި މި ބަލި ފެތުރެމުންދާ މިންވަރާއި، ބަލިން ރަނގަޅުވި މީހުންގެ ނިސްބަތަށް ރިޢާޔަތްކުރާކަމަށެވެ. އަދި ޓެސްޓްތަކުގެ ކޮލެޓީ ހިފެހެއްޓުމަށްޓަކާވެސް ވަކި މިންގަނޑުތަކަކުން ޢަމަލުކުރަންޖެހޭކަން ޑރ. މުރާދު ފާހަގަކުރެއްވިއެވެ.

"ވަކި އުޞޫލުތަކެއް ހިފަހައްޓަންއެބަޖެހޭ ޓެސްޓުތައް ކުރުމުގައިވެސް. ޓެސްޓުތަކުގެ ނަތީޖާ ސައްޙަކުރުމާއި، ޓެސްޓުތަކުގެ ކޮލެޓީ ހިފެހެއްޓުމުގެ ގޮތުންވެސް ވަކި މިންގަނޑުތަކަކުން އަޅުގަނޑުމެން ޓެސްޓުތައް ހަދައިފިއްޔާ އަޅުގަނޑުމެންނަށް އެ ޓެސްޓުތަކުގެ ނަތީޖާ އެންމެ ރަނގަޅުގޮތުގައި މި ލިބެނީ. ބައިވަރު ޓެސްޓުތަކެއް އެއްފަހަރާ ފޮނުވަންވެއްޖެޔާ އޭގެ ނަތީޖާ ލަސްވެގެންދިއުން ފަދަ ކަންކަން އެބަކުރިމަތިވޭ." ޑރ.މުސާ މުރާދު ވިދާޅުވިއެވެ.

ކޯވިޑް-19އަށް ޓެސްޓުކުރުމަށް ރާއްޖޭގައި ބޭނުންކުރާ ޕީ.ސީ.އާރު ކިޓްތައް މެދުވެރިކޮށް 6 ގަޑިއިރާއި 12 ގަޑިއިރާ ދެމެދު ނަތީޖާ ލިބެއެވެ. މިކިޓްތަކަކީ މިވަގުތު ދުނިޔޭގައި ލިބެންހުރި އެންމެ ރަނގަޅު ކިޓްތައްކަމަށް ޑރ.މުރާދު ވިދާޅުވެފައިވެއެވެ.