ޚަބަރު

ކޯވިޑް-19 : ކުރިއަށްއޮތް ހަފުތާގައިވެސް ޖަމާޢަތުގައި ނަމާދު ނުކުރާނެ


މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މަޑުޖައްސާލައިފާއި އޮތް އޮތުން އިތުރު 1 ހަފުތާއަށް އިތުރުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

ކޯވިޑް-19ން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެއްވެއުޅުން މަދުކުރުމަށް، އިސްލާމިކް މިނިސްޓްރީންވަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި ރިސޯޓްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މަގުތީގޮތުން މެދުކަނޑާލާފައެވެ. އަދި މި ނިންމުން އަންނަ އޭޕްރިލް މަހުގެ 4ވަނަ ދުވަހާހަމައަށް އިތުރުކުރުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މިއަދުވަނީ ވިދާޅުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން، މީހުން ދިދިއުޅޭ އިތުރު ރަށެއް މޮނިޓަރިންގެގެ ޙާލަތަށް ގެނެސްފިނަމަ، އެރަށެއްގައި ޖަމާޢަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދު ނުކުރުމަށްވަނީ އަންގާފައެވެ. އެނިންމުމަކީ އެއްވަގުތެއްގައި ގިނަބަޔަކު އެއްތަނަކަށް ޖަމާވުން ރައްކާތެރި ނޫންކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާތީ ނިންމާފައިވާ ނިންމުމެކެވެ.

މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ކުރިއަށް ނުގެންދިޔަނަމަވެސް، ވަކި ވަކިން ތިބެގެން ނަމާދުކުރެވޭނެއެވެ. އަދި މިސްކިތްތަކުގައި ވަކިވަކިން ނަމާދުކުރާއިރު މީހާގެ ވަށައިގެން 6 ފޫޓު ދުރުމިން ބަހައްޓައިގެން ނަމާދުކުރުމަށް އިރުޝާދުދެއެވެ.

އިސްލަމިކް މިނިސްޓްރީންވަނީ އެކަން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް އަންގާފައެވެ.