ކޯވިޑް-19

ކޯވިޑް-19 : ޙިސާންގެ ދަރިފުޅުގެ މެސެޖު، "ކޮރޯނާ ވައިރަސް ހުއްޓުވައިދީ"


ރާއްޖެއަށް ދިމާވާ އެކިއެކި ޙާދިސާތަކާ ކާރިޘާތަކުގެ ވަގުތުތަކުގައި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް އިދާރާއަކީ ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އެވެ.

ޤައުމަށް ދިމާވާ އެންމެ ޚައްސާސް ދަނޑިވަޅުތަކުގައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ މުގުލުގައި ހުންނެވި އެތަނުގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަނެވެ. ޙިސާނަކީ މިހާރު ރާއްޖޭގެ ގިނަ ބަޔަކު ދަންނަ ފަރިތަ މޫނެކެވެ. އޭނާއަކީ 2004ވަނަ އަހަރުގެ ސުނާމީ ކާރިޘީއާ ގުޅިގެން އުފެއްސި އެމްޖެންސީ ސެންޓަރުގެ ނަން ގަނޑަކަށް ޕްރިންޓުނަގައިގެން ގޮސް އިސްކަންދަންރު ސްކޫލް ބޭރު ފާރުގައި ތަތްކުރި ސިފައިންގެ މީހާއެވެ. އެދުވަހުންފެށިގެން މިއަދާހަމައަށް ޙިސާން ހުންނެވީ މިޚިދުމަތުގައެވެ. ސިފައިންގެ ވަޒީފާ ދޫކޮށް އޭނާގެ މުޅި މަސައްކަތް މިކަމަށް ހުސްކުރިއެވެ.

ކޯވިޑް-19އިން ރައްކާތެރިކުރުމަށް ރާއްޖޭން މިހާރު ކުރަމުންދާ މަސައްކަތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ލީޑްކުރުމުގައި ހުންނެވި އެއްބޭފުޅަކީ ހިސާނެވެ.

މިހާލަތުން އަރައިގަތުމަށް އެ ސެންޓަރުގެ ފަރާތުން މުހިއްމު މަސައްކަތްތަކެއް ކުރަމުންދާއިރު، ހިސާންވެސް ހުންނެވީ ޢާއިލާއާއި އަނބިދަރުން ދޫކޮށް ރައްޔިތުންގެ ޚިދުމަތަށް ހުސްވެގެންނެވެ. ރެއާދުވާހު ލޮލުފިޔައެއް ނުޖަހައި އެހުންނެވީ ޚިދުމަތުގައެވެ.

މިވަގުތު ބައްޕަޔާ ދުރުގައި ގިނަވަގުތު ހޭދަކުރަން ޖެހުމުގެ ހިތްދަތިކަން އިޙްސާސްކުރަމުންދާ ޙިސާންގެ ތުއްތު ދަރިފުޅުވަނީ ބައްޕަޔަށް މެސެޖެއް ފޮނުވާފައެވެ. ޙިސާންވަނީ ދަރިފުޅުގެ މިމެސެޖު ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. ޢުމުރުން އެންމެ 6 އަހަރުގެ އަންހެން ދަރިފުޅު ބައްޕަގެ ކިބައިން އެދިފައިވަނީ ކޮރޯނާ ވައިރަސް ހުއްޓުވައި ދިނުމަށެވެ. އަދި ބައްޕަ ސަލާމަތާއި ރައްކާތެރިކަމުގައި ހުރުމަށެވެ. ދަރިފުޅުގެ މިމެސެޖާއެކު ޙިސާންގެ ހިތްވަރުވަނީ އިތުރުވެފައިކަން އޭނާގެ ވާހަކަތަކުން ހާމަވެއެވެ. އަދި އޭނާ އަދާކުރަމުންދާ ވަޒީފާގެ މުހިއްމުކަން އިތުރަށް އިޙްސާސްކުރެވުނުކަމަށް ދަރިފުޅުގެ މިމެސެޖު ވިއެވެ.

ޙިސާންގެ މިއަދުގެ މަސައްކަތަކީ މިވަގުތު ޤައުމަށް މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19ގެ ނުރައްކަލުން ދިވެހި ރައްޔިތުން ސަލާމަތްކުރުމާ ގުޅޭ މަސދައްކަތެވެ. މިޙާލަތާގުޅިގެން ކުރިމަތިވެދާނެ އެންމެ ނުރައްކާތެރި ޙާލަތަކަށްވެސް ތައްޔާރުވުމުގައި ހިސާން އަންނަނީ އޭނާގެ ލަޔާޤަތާއި ޤާބިލިއްޔަތުކަން ތިން ދިން އެންމެ ފުޅާ ދާއިރާއެއްގަައި އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ޙިސާން ވިދާޅުވެއެވެ.

ކުޑަކުޑަ ދަރިފުޅުގެ ވަރުގަދަ މެސެޖުން ލިބުނު ހިތްވަރާއެކު ޙިސާން އެހުންނެވީ ސާބިތުކަމުގައެވެ. އެމެސެޖަކީ މިއަދު މިޤައުމުގެ އެންމެހައި ކުޑަކުދިންގެވެސް މެސެޖެވެ. މުޅި ރައްޔިތުންގެވެސް މެސެޖެވެ. އެހެންނަމަވެސް ޙިސާނާއި އޭނާގެ ޓީމަށް އަދި ރާއްޖޭގެ ޑޮކްޓަރުންނަށް އެކުދިންގެ އެދުން ފުރިހަމަކޮށްދެވޭނީ އަޅުގަނޑުމެން އެންމެން މަސައްކަތްކޮށްގެންނެވެ. އަބަދާއަބަދު އެކުދިންގެ ކައިރީގައި އަޅުގަނޑުމެން "ދަރިފުޅާ ބަސްއަހައްޗޭ" ބުނެ ދަރިންނަށް މިދޭ ނަޞޭޙަތާ އެއްގޮތަށް މިއަދު މިވަނީ އަޅުގަނޑުމެން ޢަމަލުކުރަން ޖެހިފައެވެ. ޑޮކްޓަރުންނާއި ޞިއްޙީ މާހިރުންގެ ބަސް އަހައިގެން ގޭގައި ތިބެމާތޯއެވެ. ޙިސާންގެ ދަރިފުޅުގެ މެސެޖު ފުރިހަމަވާނީ އޭރުންނެވެ.