ވިޔަފާރި

އަލަށް ފަށާ ވިޔަފާރިތަކަށް ލޯނު ދޫކުރުން އެސްޑީއެފްސީން ވަގުތީގޮތުން މެދުކަނޑާލައިފި


އަލަށް ފަށާ ވިޔަފާރިތަކަށާއި މަޝްރޫޢުތަކަށް ލޯނު ދޫކުރުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އެސްޑީއެފްސީން ވިދާޅުވީ، ކޯވިޑް19 އާ ގުޅިގެން 26 މާރިޗު އިން ފެށިގެން އަލަށް ފަށާ ވިޔަފާރިތަކާއި މަޝްރޫޢުތަކަށް ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން އެ ކުންފުނިން ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ.

އެސްޑީއެފްސީން ވިދާޅުވީ، މިވަގުތަށް އިސްކަންދެނީ މިހާރު ހިންގަމުންގެންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯވިޑް-19 އާ ގުޅިގެން ދިމާވެފައިވާ މާލީ ދަތިތަކުން އަރައި ގަތުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށްކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް އަންނަމުންދާ ބަދަލުތަކަށް ބެލުމަށްފަހު އަލަށް ފަށާ ވިޔަފާރިތަކާއި މަޝްރޫޢުތަކަށް ލޯނަށް އެދި ހުށަހެޅޭނެ ތާރީޚެއް ފަހުން ޢިއުލާން ކުރާނެ ކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ދޫކުރާ ލޯނުތަކާއި ގުޅޭ އިތުރު މަޢުލޫމާތު ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން ހުޅުވާފާއިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ މެދުވެރިކޮށް މިހާތަނަށް 250 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.