ޚަބަރު

ވީއައިއޭގައި ފްލައިޓް ޕާކުކުރެވޭ ޖާގަ އިތުރުކޮށްފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވެސްޓް އޭޕްރަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމައި ބޭނުންކުރަން ތައްޔާރުވެއްޖެއެވެ.

ވެސްޓް އޭޕްރަންގެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްޤީކޮށްފައިވަނީ ފަންސަވީސް ހާސް ފަސްސަތޭކަ އަކަމީޓަރުގެ ސަރަޙައްދެކެވެ،

ދެވަނަ ފިޔަވަހީގެ ދަށުން ތަރައްޤީކުރި ސަރަޙައްދުގައި ވައިޑް ބޮޑީ 4 މަތިންދާ ބޯޓު ޕާކުކުރެވޭނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފްލައިޓްތައް ޕާކު ކުރެވޭނެ ޖާގަ އިންތުރުކުރަން ފަށާފައި ވަނީ، ރާއްޖެ ދަތުރުކުރާ އެއަރލައިންތައް އިތުރުވަމުން އަންނާތީ އެ ފަރާތްތަކަށް ބޭނުންވާ ޖާގަ ދިނުމަށެވެ.

އެމްއޭސީއެލްއިން ބުނެފައިވަނީ ފްލައިޓްތައް އަންނަ ވަރަކަށް އައު އޭޕްރަންގައި ޕާކު ކުރަން ފަށާނެކަމަށެވެ.

ވެސްޓް އޭޕްރަންގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި 17ގައެވެ. މި އޭޕްރަންއަކީ 70ހާސް އަކަމީޓަރުގެ އޭޕްރަންއެކެވެ.

ވެސްޓް އޭޕްރަންގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރި ސަރަޙައްދުގައި އެއްފަހަރާ ވައިޑް ބޮޑީ 5 މަތިންދާބޯޓާއި އަދި ނެރޯ ބޮޑީ އެއް މަތިންދާބޯޓު ބޭއްވޭނެއެވެ. ނުވަތަ ވައިޑް ބޮޑީ 2 މަތިންދާބޯޓާއި ނެރޯ ބޮޑީ 7 މަތިންދާބޯޓު ޕާކުކޮށްފައި ބޭއްވޭނެއެވެ.

ވެލާނާ އިންޓަރނެޝަނަލް އެއަރފޯޓްގައި އަލަށް ހަދާ އޭޕްރަންތަކަކީ އެންމެ ޒަމަނީ ފެންވަރަށް ހަދާ އޭޕްރަންތަކެކެވެ. އެގޮތުން ފްލައިޓް ޕާކު ކުރާނެ ގޮތުގެ ނިޝާންތަކާއި، މުޢައްޒަފުން ތިބެންޖެހޭ ތަންތަނާއި، އިކުއިޕްމަންޓް ބަހައްޓާނެ ތަންތަން ވަނީ ފާހަގަކޮށްފައެވެ. އަދި ކުރިން ފްލައިޓްތަކަށް ތެޔޮ އެޅަނީ ތެޔޮ ބައުޒަރުތަކުންނެވެ. ނަމަވެސް އާ އޭޕްރަންގައިވަނީ ފިއުލް ހައިޑްރަންޓް ނެޓްވަރކް ބޭނުކޮށްގެން، ވެހިކަލްގެ ބަދަލުގައި ހޮޅި ބޭނުންކޮށްގެން ތެޔޮއެޅޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެެވެ. މި ޚިދުމަތްވެސް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

އަލަށް ހެދި ވެސްޓް އަދި އީސްޓް އޭޕްރަންއާއިއެކު އެއަރޕޯޓްގެ ފްލައިޓް ޕާކިންގ ކެޕޭސިޓީގައި 2 ލައްކަ 12ހާސް އަކަމީޓަރުގެ ޖާގައެކުލެވޭނެއެވެ.

ރިސޯޓްތައް އިތުރުވެ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މިދިޔައަހަރުވެސް މިލިއަނަކަށްވުރެ ގިނަ ފަތުރުވެރުން ރާއްޖެވަނީ އެތެރެވެފައެވެ.

މިއާއިއެކު ރާއްޖެ އަންނަ އެއަރލައިންތައްދަނީ ބޮޑުތަނުން އިތުރުވަމުންނެވެ.