ކޯވިޑް-19

ކޯވިޑް-19 : ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތައް ނާއިބުރައީސް ބައްލަވާލައްވައިފި


ކޯވިޑް-19 އާއި ދެކޮޅަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވުމަށް ސަރުކާރުން އުފައްދަފާވައިވާ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ދަރުބާރުގޭގައި ސަރުކާރުން ޤާއިމުކޮށްފައިވާ ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެން.އީ.އޯ.ސީއަށް ނާއިބު ރައީސް ފައިޞަލް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުވަނީ ކޯވިޑް-19ގެ ކަންކަމުގައި ސަރުކާރުގެ ކަމާގުޅުންހުރި މުޢައްސަސާތައް ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވަވާފައެވެ. އަދި ކޯވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލްކޮށް، ދިމާވެދާނެ ނުރައްކާތެރި ހާލަތަކަށް އެ ސެންޓުރުގެ ފަރާތުން ތައްޔާރުވެފައިވާ މިންވަރާއި ގުޅޭގޮތުންވެސް ނާއިބު ރައީސް ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ނާއިބު ރައީސްގެ މި ޒިޔާރަތުގައި އެން.އީ.އޯ.ސީގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ބައްލަވާލެއްވުމުގެ އިތުރުން، ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އިތުރަށް ސަމާލުކަންދޭންވީ ކަންކަމާގުޅޭގޮތުން އެމަނިކުފާނުގެ ޚިޔާލާ މަޝްވަރާ ސެންޓަރުގެ ބައިވެރިންނާއި ވަނީ ހިއްސާކުރައްވާފައެވެ.

ދިވެހިރާއްޖޭން މިހާތަނަށް 13 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މި އެންމެންނަކީވެސް ބިދޭސީންނެވެ. މީގެ ތެރޭގައި ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިންނާއި، ބައެއް ރިޒޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން ހިމެނެއެވެ. މި 13 މީހުންގެ ތެރެއިން 9 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ފަރުވާ ދެމުން އަންނަނީ 4 މީހަކަށެވެ.