ޚަބަރު

ކޯވިޑް-19 : އައިސޮލޭޝަންއާއި ކަރަންޓީނުގައި 750 އަށްވުރެ ގިނަ މީހުން އެބަތިބި


ކޯވިޑް-19އާ ގުޅިގެން ސަރުކާރުން ޤާއިމްކޮށްފައިވާ އައިސޮލޭޝަނާއި ކަރަންޓީން ފެސިލިޓީސް ތަކުގައި 750އަށްވުރެ ގިނަމީހުން ތިބިކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑް-19 ރާއްޖޭގައި ފެތުރަނުދިނުމަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާކަމަށެވެ. ބައްޔަށް ޝައްކުކުރެވޭ މީހުންނާއި ޓެސްޓް ކުރެވޭ ބައެއް މީހުން އައިސޮލޭޓް ކުރަމުންދާއިރު ރާއްޖެއިން ބޭރުން އަންނަ ރާއްޖޭގެ ގިނަ މީހުންވެސް ދަނީ ކަރަންޓީން ފެސިލިޓީސް ތަކުގައިި ކަރަންޓިން ކުރަމުންނެވެ.

އައިސޮލޭޝަން ފެސިލިޓީސްތަކުގައި 21 މީހަކަށް ފަރުވާދެމުންދާއިރު، 737 މީހަކު ކަރަންޓީން ފެސިލިޓީސްތަކުގައި ބައިތިއްބާފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ. ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ގިނައީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ރާއްޖޭގެ މީހުންގެ ތެރެއިން ރާއްޖެ އައިސްފައިވާ މީހުންނެވެ. މިއިން ކޮންމެ މީހަކު 14 ދުވަހުގެ ކަރަންޓީންގައި ބޭތިއްބުމަށް ޞިއްޙީ ދާއިރާގެ ބޭފުޅުންގެ ލަފަޔާއެކު ސަރުކާރުން ވަނީ ނިންމާފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޝައްކުރެވޭ ޢަލާމާތްތައް ހުރެގެން 804 ސާމްޕަލް ވަނީ ނަގާފައެވެ. އޭގެ ތެރެއިން 780 ސާމްޕަލެއް ވަނީ ކޯވިޑް-19އަށް ނެގެޓިވްވެފައެވެ. މިބައްޔަށް ޕޮޒިޓިވް ވެފައިވަނީ 13 މީހެކެވެ. އޭގެ ތެރެއިން 9 މީހަކު މިހާރުވަނީ ބަލިން ރަނގަޅުވެ، އިތުރު 30 ދުވަހުގެ ކަރަންޓީންގައި ބައިތިއްބާފައެވެ. ބަލިން މިހާރު ފަރުވާ ހޯދަމުންދަނީ 4 މީހެކެވެ.


ކޯވިޑް-19އަށް ޚާއްސަ ކޮށްގެން މާލެއާއި އަތޮޅުތަކުގައިވެސް ވަނީ ފްލޫ ކްލިނިކްތަކެއް ހުޅުވާފައެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މިކްލިނިކްތަކުން 366 މީހަކު ވަނީ ޚިދުމަތް ހޯދާފައެވެ. ކްލިނިކްތަކުގެ ޚިދުމަތް ދޭން ފެށި ދުވަނުން ފެށިގެން މިހާތަނަށް ކްލިނިކްތަކުގެ ޚިދުމަތް 3797 މީހަކު ވަނީ ހޯދާފައެވެ.