ކޯވިޑް-19

ކޯވިޑް-19 : ފްރާންސްގެ ނޭވީ ކްރާފްޓަށް ފުރުމަށް ހުއްދަދީ، ޔޮޓެއް ކަރަންޓީންކޮށްފި


ރާއްޖެއަށް އައި ފްރާންސްގެ ނޭވީ ކްރާފްޓަކަށް ފުރުމުގެ ހުއްދަދީ، ރާއްޖެއައި ކްރޫޒް ޔޮޓެއް 2 ހަފްތާއަށް ކަރަންޓީންކޮށްފިއެވެ.

ކޯވިޑް-19ގެ އެންމެފަހުގެ މަޢުލޫމާތު ޙިއްސާކުރުމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ދިއްގަރު ފިނޮޅުގައި ޖައްސާފައި އޮއްވާ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ދައުރުވި ހެލިކޮޕްޓަރުތަކަކީ ފްރާންސްގެ ނޭވީ ކްރާފްޓަކަށް ނިސްބަތްވާ ހެލިކޮޕްޓަރުތަކެއްކަމަށެވެ. އަދި މީގެ 30 ދުވަސްކުރިން އެ ކްރާފްޓް ޖިބުޓީން ފުރައިގެން ރާއްޖެ އައިސްފައިވަނީ ރާއްޖެއާއި ފަރާންސްއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކެއްގައި ބައިވެރިވުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އާއްމުކޮށްވެސް ރާއްޖެއަށް އަންނަ އެފަދަ އަސްކަރީ މަނަވަރުތަކަށް، ހެލިކޮޕްޓަރުފަދަ އެއްޗެހި އުދުހުމުގެ ހުއްދަ ދޭ ކަމަށާއި، ދިއްގަރު ފިނޮޅުގައި ފްރާންސްގެ ނޭވީ ކްރާފްޓުންއައި ހެލިކޮޕްޓަރެއް ޖައްސާފައިވަނީ މިގޮތުން އުދުހުމުގެ ތެރޭގައި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި މިހާރު ހެލިކޮޕްޓަރުތައް ކްރާފްޓަށް އަނބުރާގޮސްފައިވާކަމަށާއި، މިއަދު އެ އުޅަނދު ރާއްޖެއިން އަނބުރާ ފުރާނެކަމަށެވެ.

"ކުރިން ރޭވިފައިވާގޮތުންނަމަ މިކޮޅުގައި ހިންގާ ޓްރެއިނިންގ ޕްރޮގްރާމަކާއި، އެބޭފުޅުން ރަށަކަށް ފޭބުމާއި، ހަފްލާއެއް ބޭއްވުން ފަދަ ހަރަކާތްތަކެއް ބާއްވާގޮތަށް އޮތީ. ނަމަވެސް މިހާރުގެ ހާލަތާގުޅިގެން އަޅުގަނޑުމެން ނިންމީ އެ ކްރާފްޓް ރާއްޖެ އައިސްފައި ރާއްޖޭގައި ޑޮކްކޮށްފައި، ތެޔޮ އަޅާގެން ކާބޯތަކެތި ހިފާގެން ފުރާގޮތަށް. އެ ކްރާފްޓުން އެއްވެސް މީހަކު ނުއެއްފައިބާ. މިއަދުގެ ވަގުތެއްގައި އޭތި ދާނެ" މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން، ދެ މީހުންނާއެކު ރާއްޖެއައި "ސައިޒް ސްޓާޒް އެންޑް ޓޫ" ނަމަކަށް ކިޔާ ކްރޫޒް ޔޮޓެއް 14 ދުވަހުގެ މުއްދަތަކަށް މިހާރު ކަރަންޓީންކޮށްފައިވާކަމަށްވެސް މަބްރޫކް އަޒީޒް ވިދާޅުވިއެވެ. މި ޔޮޓް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވަނީ ސަފާރީތަކާއި ޔޮޓުތައް ރާއްޖެއައުން މަނާކުރިފަހުން، ތެޔޮ ހުސްވާތީކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ވައި ބަދަލުވަންދެން ހަފްތާއެއްގެ މުއްދަތަކަށް ޑޮކްކުރުމުގެ ހުއްދައަކަށް ޔޮޓުން އެދިފައިވާކަމަށާއި، އޭގައި ތިބި މީހުން ނުފައިބާ 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީންކުރުމަށްފަހު، ރާއްޖޭން ފުރުމުގެ ހުއްދަދޭން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ޔޮޓުން އެދުނީ އޭގައި ފިއުލް ހުސްވަނީކަމަށް. އަދި ވައިބަދަލުވަންދެން އެއް ހަފްތާގެ މުއްދަތަކަށް ޑޮކްކުރަން ޖެހޭކަމަށް. މިކަމުގައި އަޅުގަނޑުމެން އަޅާފައިވާ ފިޔަވަޅަކީ ތެޔޮއެޅުމަށް ރާއްޖެއަށް ވަނުމުގެ ހުއްދަދިނުމަށް. އެހެންނަމަވެސް ބޯޓުން ނުފައިބާ 2 ހަފްތާ ކަރަންޓީން މުއްދަތު ހަމަކޮށްފައި ނޫނީ އެއަކަށްނުދެވޭނެ ފުރައިގެންނެ. އެއީ އަޅުގަނޑުމެން ޤަވާއިދު އޮންނަގޮތުން ރާއްޖޭގެ އެތެރެއަށް ބަޔަކު ވަދެއްޖެއްޔާ 2 ހަފްތާގެ މުއްދަތަކަށް ކަރަންޓީންވާންޖެހޭ. އެ ބޭފުޅުން ކަރަންޓީން ވާނީ ހަމަ އެ ބޯޓުގައި" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މި އުނދަގޫ ޙާލަތުގައިވެސް ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ ފަރާތްތަކުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށެވެ. އަދި އެންމެންގެ އެހީތެރިކަން ލިބިގެންނޫނީ މި ހާލަތުން އަރައިނުގަނެވޭނެކަމަށް މަބްރޫކް ވިދާޅުވެފައިވެއެވެ.