ޚަބަރު

ކޯވިޑް-19 : ހުރިހާ ބޭންކަކުންވެސް ލޯނުތައް ފަސްކޮށްދޭން އެއްބަސްވޭ - ގަވަރުނަރު


ވިޔަފާރިތަކާއި އާންމުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ހަ މަހަށް ފަސްކުރަން ސަރުކާރުން ނިންމެވި ނިންމެވުމަށް ރާއްޖޭގައި ހިންގާ ހުރިހާ ބޭންކަކުން ވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

މިކަމާބެހޭ ގޮތުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ލޯނުތައް އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރު ކޮށްދިނުމަށް ވަކިވަކި ބޭންކުތަކުންވެސް އެއްބަސްވެފައިވާކަމަށެވެ. މިކަމުގެ ތަފްސީލް ދެވޭނީ އެ ބޭންކުތަކަށްކަމަށާއި ބޭންކުތަކުގެ ހެޑް އޮފީހުން މީގެ ތަފްސީލްތަށް ހާމަކުރާނެކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން އިޤްތިސާދީ ގޮތުން ޢާންމު ރައްޔިތުންނަށް ލިބޭ ގެއްލުން ވީވަރަކުން ކުޑަކޮށްދިނުމަށް އާންމުންނާއި ވިޔަފާރިތަކަށް ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ދެއްކުން ހަމަސް ދުވަހަށް ފަސްކޮށްދޭނެކަމަށް މިހާތަނަށް ރަސްމީކޮށް އިއުލާންކޮށްފައިވަނީ ހަމައެކަނި ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއިންނެވެ.

ބޭންކް އޮފް މޯލްޑިވްސްއިންވަނީ މިމަހު 1 އިން ފެށިގެން ސެޕްޓެމްބަރގެ ނިޔަލަށް ލޯނުގެ ފައިސާ ދެއްކުން ފަސްކުރުމަށް ނިންމަފައެވެ. އަދި މި މުއްދަތައް ފަހު ލޯނަށް ފައިސާ ދައްކާ ފުރަތަމަ 6 މަސްދުވަހު ދައްކާ ޖުމުލަ އަދަދުގެ 20 އިންސައްތަ ކުޑަކުރުމަށްވެސް ވަނީ ނިންމާފައެވެ.
އެހެންނަމަވެސް ލޯނު ދެއްކުން ފަސްކުރެވޭ 6 މަސްދުވަހުގެ ލޯނުގެ އިންޓްރެސްޓް ރޭޓަށް އަރާ އަދަދު އަލުން ލޯނު ދައްކާ ހިސާބުން ފެށިގެން ބާކީ އޮތް މުއްދަތައް ބަހާލުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ޕާސަނަލް ލޯނުތަކާއި، ވިޔަފާރީގެ ލޯނުތަކާއި، ގެދޮރު ހެދުމަށް ނަގާފައިވާ ލޯނުތައްވެސް މީގެ ތެރޭގައި ހިމެނޭކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި ލުއި ދިނުމަށް ހަމަޖެހިފައިވަނީ އޯވަރޑިއު ޕޭމަންޓެއް ނެތް ފަރާތްތައް ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން، އެސް.ޑީ.އެފް.ސީ. އިން މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކާއި، އެޗް.ޑީ.އެފް.ސީ. އިން ދޫކޮށްފައިވާ ހައުސިން ސްކީމްގެ ލޯނުތަކަށް، މާޗު މަހުން ފެށިގެން ދައްކަންޖެހޭ ފައިސާވެސް މިހާރުވަނީ ހަ މަސްދުވަހަށް ފަސްކޮށްދީފައިއެވެ.