ޚަބަރު

ކޯވިޑް-19 : ލޮކްޑައުންއަކަށް ދިއުމަކުން ހައްލެއް ނެތް- ޑަބްލިއުއެޗްއޯ


ލޮކްޑައުންއަކަށް ވުރެ ބޮޑަށް މިވަގުތު ބޭނުންވަނީ ބައްޔަށް ޓެސްޓްކޮށް ބަލީގެ ހަޤީޤީ ހާލަތު ދެނަގަނެ ހައްލު ހޯދުންކަމަށް ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ، ޑަބްލިޔުއެޗްއޯއިން ވިދާޅުވެއްޖެއެވެ.

އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، ދުނިޔޭގެ އާބާދީގެ ތިން ބައިކުޅަ އެއްބައި މިހާރު އޮތީ ލޮކްޑައުންގައެވެ.

ކޯވިޑް-19އާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސް ވަނީ، މި ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ. އެގޮތުން މިހާތަނައް އައިރު ހުރިހާ ޤައުމެއްގެ ސަރުކާރުންވެސް އާންމުން އެއްވެ ނޫޅުމަށާއި، އާންމު ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ގޮވާލަމުންދާއިރު، ދުނިޔޭގެ ގިނަ ޤައުމުތަކަކުން އަންނަނީ ޤައުމުތަކަށް ލޮކްޑައުންކުރަމުންނެވެ.

ކޯވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތް ލޮކްޑައުންއަކުން އެކަނި ކާމިޔާބު ނުވާނެކަމަށާއި، މި ދަނޑިވަޅުގައި އެންމެ މުހިންމީ ކޯވިޑް-19އާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުންކަމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. އެގޮތުން މި ލިބުނު ފުރުސަތުގައި ބައްޔަށް ޓެސްޓްކޮށް ބަލީގެ ހަޤީޤީ ހާލަތު ދެނަގަނެ ހައްލު ހޯދުމަށް އިސްކަން ދިނުމަށް ޓެޑްރޮސް ގޮވާލެއްވިއެވެ.

"ޤައުމުތަކުގައި ކޯވިޑް-19 ފެތުރޭ ސްޕީޑް މަޑުޖައްސާލުމަށް އަޅާ ފިޔަވަޅަކީ، ލޮކްޑައުންއަކަށް ދިއުން. މި ފިޔަޅުން އެކަނި މިބަލިމަޑުކަމުން އަރައެއް ނުގަނެވޭނެ. މިވަގުތު ބޭނުންވަނީ ބައްޔަށް ޓެސްޓްކޮށް ބަލީގެ ހަޤީޤީ ހާލަތު ދެނަގަނެ ހައްލު ހޯދުން." ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

އަވައްޓެރި އިންޑިއާއިން ކުރިއަށް އޮތް 21 ދުވަހަށް ލޮކްޑައުންއަކަށް ދާން ނިންމުމުން މިހާރު ދުނިޔޭގެ އާބާދީގެ ތިން ބައި ކުޅަ އެއްބައިވަނީ ލޮކްޑައުން ހާލަތުގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ބައެއް ޤައުމުތައް އެއްކޮށް ލޮކްޑައުން ނުކުރި ނަމަވެސް އެޤައުމުތަކުގެވެސް ބޮޑުބައިވަނީ ލޮކްޑައުން ހާލަތުގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ލޮކްޑައުންގެ ވާހަކަދައްކާއިރު، ދިވެހިންގެ މެދުގައިވެސް މިކަމަށް ގޮވާލާ މީހުން މަދެއް ނޫނެވެ. އެގޮތުން ރާއްޖޭގެ ރިޒޯޓުތަކުން މި ބައްޔަށް ޕޮޒިޓިވްވި ބިދޭސީންގެ ކޭސްތައް ފެންނަން ފެށުމާއެކު ގިނަ ބަޔަކު ރާއްޖެ އަދި ވަކިން ޚާއްސަކޮށް މާލެ ސިޓީ ލޮކްޑައުންއަކަށް ދިއުމަށް ގޮވާލި އަޑުތައް ފެތުރިގެންދިޔައެވެ. ނަމަވެސް މުޅި ޤައުމު ލޮކްޑައުންއެއް ނުކުރާނެ ކަން ސަރުކާރުންދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި ލޮކް ޑައުންއަށް ނުދިޔަނަމަވެސް ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ބޭނުންތަކަށް ނޫނީ ބޭރަށް ނިކުމެ ނޫޅުމަށް ސަރުކާރުންވަނީ އިލްތިމާސް ކުރަމުންނެވެ. އެހެންނަމަވެސް ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ މާލޭގެ މަގުތަކުގައި ކުރިއާ އަޅާބަލާއިރު މީހުން މަދު ނަމަވެސް އަދިވެސް ގިނަބަޔަކު މަގުތަކުގައި ދިމަދިމާލަށް ހޭލަމޭލަވާތަން ފެންނަކަން ފާހަގަކޮށްލެވެއެވެ.

އެހެންކަމުން ލޮކްޑައުންއަކަށް އާންމުން ގޮވާލަމުންދިޔައިރު، އޭރުވެސް އަދި މިހާރުވެސް މިކަމުގައި ފަރުދީގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރެވޭތޯ މިއީ އުފައްދަން ރަނގަޅު ސުވާލެކެވެ. އެގޮތުން އާންމުން އެއްވެ ނޫޅުމަށް ސަރުކާރުން ކުރާ އިލްތިމާސްތަކަށް މިއަދު ބޯލެނބެނީ ކިހާ މިންވަރަކަށްތޯ ވިސްނާލަންޖެހެއެވެ. މި ފިޔަވަޅަކީ ބަލި ފެތުރުން ކުޑަކުރުމަށް އަޅާ ފިޔަވަޅެއްކަމުގައިވާއިރު، މި ކަމުން މަގުމަތީގެ ކާރޫބާރޫބޮޑުމިނަށް އަންނަޖެހޭ އެންމެ ހެޔޮ ބަދަލު ނާންނަކަމަކީ މިއަދު ހިތާމަކުރަންޖެހޭކަމެކެވެ.