ޚަބަރު

ކޯވިޑް-19 : ވިލިމާލެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި


މާލެ ސިޓީގެ މަގުތައް ކުލޮރިން އަޅައިގެން ދޮވެ، ސާފު ކުރުމުގެ މަސައްކަތުގެ ދަށުން ވިލިމާލެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތަކީ، މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ޓީމް ގުޅިގެން ކުރިޔަށް ގެންދާ މަސައްކަތެކެވެ. މި މަސައްކަތުގެތެރޭގައި ކްލޮރިން އަޅައިގެން މަގުތައް ސާފުކުރުމުގެ އިތުރުން، މަގުމަތީގައި ބަހައްޓާފައި ހުންނަ ޕެލެޓްތަކާއި، ހަލާކު ވެފައި ހުންނަ ޕެލެޓްތައް ނެގުމުގެ މަސައްކަތްވެސް ކުރާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލެ ސިޓީ މަގުތައް ސާފުކުރުމުގެ މަސައްކަތުގެ ދަށުން މާލޭގެ ހުރިހާ މަގަކާއި ހުޅުމާލޭގެ މަގުތައް މިހާރުވަނީ ސާފުކޮށްފައެވެ. މާލޭގެ މަގުތައް ކްލޮރިން އަޅައިގެން ސާފުކުރުމުގެ މަސައްކަތް މިދިޔަ އާދިއްތަ ދުވަހު ފުރަތަމަ ފަށާފައި ވަނީ ކަނބާއައިސަރަނި ހިނގުމުން އައި.ޖީ.އެމް.އެޗް ކައިރިންނެވެ. މި މަސައްކަތުގައި މާލޭގެ ބޮޑެތި މަގުތަކުގައި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއުގެ ފެން ބައުޒަރު ބޭނުންކޮށްގެން ކްލޮރިން ފެން ޖަހާ، އަދި ހަނިމަގުތަކަށްވެސް ހޮޅި ވައްދައިގެން ފެން ޖަހާ ސާފުކޮށްފައިވާ ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

މަގުތައް ސާފުކުރުމުގެ ގޮތުން ޖަހާ ކްލޮރިން ފެނުން އެއްވެސް ޞިއްޙީ މައްސަލައެއް ކުރިމަތިނުވާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، ރައްކާތެރިވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މިގޮތުން އާންމުން އެއްވެ އުޅުން މަދުކުރުމަށާއި ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ޑޮކްޓަރުންނާއި ކަމާބެހޭ ފަރާތްތަކުން އަންނަނީ ލަފާ ދެމުންނެވެ. އަދި ޕާކްތަކާއި މައިޒާންތައް ބަންދުކޮށް ކެފޭ ރެސްޓޯރެންޓްތައްވެސް ވަނީ ބަންދުކޮށްފައެވެ.