ޚަބަރު

ކޯވިޑް-19 : ނޭޕާލްގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމާއި ބެހޭ ގޮތުން މަޝްވަރާކޮށްފި


ނޭޕާލްގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމާ ގުޅޭގޮތުން ނޭޕާލުގެ ފޮރިން މިނިސްޓަރާ މިނިސްޓަރ ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ.

ރާއްޖެއަށް އައުމަށް ޓިކެޓް ނަގާފައި ވަނިކޮށް ފްލައިޓް ކެންސަލްވުމުގެ ސަބަބުން ރާއްޖެއަށް ނާދެވިފައި 17 ދިވެހިން ތިބިކަމަށް ފޮރިން މިނިސްޓްރީއިން މަޢުލޫމާތުދެއެވެ.

ނޭޕާލުގެ ފޮރިން މިނިސްޓަރާއެކު މިނިސްޓަރ ޝާހިދު ފޯނުން ކުރެއްވި މަޝްވަރާގައި އެދަރިވަރުން އެންމެ އަވަހަށް ރާއްޖެއަށް ގެނެވޭނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

ނޭޕާލުގެ ފޮރިން މިނިސްޓަރުގެ ވާހަކަފުޅުގައި މިވަގުތު ނޭޕާލް އޮތީ "ލޮކް ޑައުން" ހާލަތުގައިކަން ފާހަގަކުރައްވައި، ވައިގެ ދަތުރުފަތުރުތަކުގައި ހުރަސްތަކެއް ހުރިކަމަށް ވިދާޅުވިއެވެ. އަދި ހާލަތަށް ބަދަލު އައިސް، ވައިގެ ސަރަހައްދު ހުޅުވާލެވި އަދި ފްލައިޓްތަކުގެ ދަތުރުތައް ފެށުނުހާ އަވަހަކަށް އެދަރިވަރުން ރާއްޖެއަށް ފޮނުއްވުމުގެ މަސައްކަތް ކުރައްވާނެކަމަށް ނޭޕާލްގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

މި 17 ދިވެހިންނަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް އިތުރު އެހީތެރިކަން ބޭނުންވާތީ، އެ އެހީތެރިކަން ފޯރުކޮށްދިނުމަށް އައުމަށް ބޭނުންވެފައިވާ އަދި މިހާރުވެސް މެޑިކަލް ލައިސަންސް އޮތް ފަރާތްތަކެވެ. މި ދަރިވަރުންނަށް ރާއްޖެއަށް އައުމުގެ މަގު ފަހިވަންދެން ޒަރޫރީ ބޭނުންތަކަށް ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށް ފޮރިން މިނިސްޓްރީއިން ވިދާޅުވިއެވެ.