ޚަބަރު

ކޯވިޑް-19: ހުކުރު ދުވަހުން ފެށިގެން ރާއްޖެއިން އޮންއެރައިވަލް ވިސާދިނުން ހުއްޓާލަނީ


އަންނަ ހުކުރުދުވަހުން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން ސަރުކާރުން އަޅުއްވަމުން އަންނަ ފިޔަވަޅުތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ދެންމެ އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަމަށް ސަރުކަރުން މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާކަމަށެވެ.

ފިޔަވަޅު އެޅުއްވުމުގައި ސަރުކާރުން އެންމެބޮޑު އިސްކަމެއް ދެއްވާނީ ރައްޔިތުންގެ ސަލާމަތަށްކަމަށާ އެގޮތުން ކޯވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލްކުރުމަށްތަކައި އަންނަ ހުކުރުދުވަހުން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާދިނުން ހުއްޓާލުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއާއެކު ރާއްޖެއިން ބޭރުގެ އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެ ނުވެވޭނެކަމަށާ، މި ފިޔަވަޅާއެކު އިޤްތިޞާދީގޮތުން ޤައުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެކަން ރައީސުލްހުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އޮންއަރައިވަލް ވިސާދިނުން ހުއްޓާލުމާއެކު، ރިސޯޓުތަކުގައި މިވަގުތުތިބި ފަތުރުވެރިންގެ ތެރެއިން އެންމެފަހު ފަތުރުވެރިޔާ ރިސޯޓުން ފުރާތާ 14 ދުވަސްފަހުން އެރިސޯޓްތަކުގައި ވަޒީފާ އަދާކުރައްވާ މުވައްޒިފުންނަށް ރަށްރަށަށްދަތުރުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޚައްޞާޞް ދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުންދާ ގެއްލުންތަކާއެކު ލުއިގޮތްތަކެއް ސަރުކާރުން އެފަރާތްތަކަށް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވަމުންދާކަމަށާ، ސަރުކާރުން މިހާރު ހަމަޖައްސަވާފައިވާ އިޤްތިޞާދީ ޕެކޭޖާއެކު މުވައްޒަފުން ވަޒީފާތަކުން ވަކިނުކޮށް މުސާރަދެވޭނެ ގޮތްތަކެއް ފަހިވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް ކުރިމަތިވެފައުވާ އިގްތިޞާދީ ބޮޑު ދައްޗާއެކުވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްޤުތައް ކަށަވަރުކޮށްދިނުމަކީ ސަރުކާރުންގެ އެންމެބޮޑު އަމާޒުކަމަށް އެމަނިކުފަނު ވިދާޅުވިއެވެ.