ޚަބަރު

ކޯވިޑް-19 : ސްޓޫޑެންޓް ލޯން އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކޮށްފި


މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކޮށްފިއެވެ.

ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިޙާލަތުގައި މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންނަށްވެސް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ދަރިވަރުންގެ ލޯނު ސްކީމަށް ފައިސާ ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދެއްވާފައިވާކަމަށެވެ. އަދި މިގޮތަށް ނިންމެވި ނަމަވެސް ލޯން ދޫކުރުމުގެ އުސޫލަށް ބަދަލެއް ނުގެންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ކުރިން ވަނީ މަތީ ތަޢުލީމުގެ ލޯން ސްކީމް ނުވަތަ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ރޭޓް %3 ކުޑަކޮށްފައެވެ. ކުރިން މި ލޯނު ދޫކުރަމުން އައީ %5 އިންޓްރަސްޓް ރޭޓުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ، މި ދަނޑިވަޅުގައި ޤައުމުގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދިޔަ ނަމަވެސް، އާންމުންނަށް މިކަމުން ކުރާ އަސަރުކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ.