ޚަބަރު

ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށް މާލޭގައި އަނެއްކާވެސް ޑްރިލްއެއް!


ކޯވިޑް 19އާއި ގުޅިގެން ދިމާވެދާނެ ޙާލަތަކަށް ތައްޔާރުވުމަށް، މާލޭގައި "ފުލް ސްކޭލް" ޑްރިލްއެއް ބާއްވައިފިއެވެ.

މި ޑްރިލްގައި ކަމާއިގުޅޭ ހުރިހާ މުޢައްސާތަކުން ބައިވެރިވެފައިވެއެވެ.

ކޯވިޑް 19 އާއި ގުޅިގެން ދިމާވެދާނެ ޙާލަތަކަށް ތައްޔާރުވުމަށް މާލޭގައި ކުރިއަށްގެންދިޔަ ޑްރިލް ބާއްވާފައި ވަނީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރގައި މަސައްކަތްކުރާ ހުރިހާ މުޢައްސަސާތަކުގެ ދަޢުރު ހިމެނޭގޮތަށެވެ. މި ޑްރިލްގެ ހަރަކާތްތައް 4ގަޑިއިރެއްހާއިރަށް ކުރިއަށްގެންގޮސްފައިވެއެވެ.

މިފަދަ ޑްރިލްއެއްގެ އެންމެ ބޮޑު ބޭނުމަކީ ކަމާގުޅުންހުރި މުޢައްސަސާތައް، އެ މުއައްސަސާއެއްގެ ދަޢުރު ޢަދާކުރުމަށް ތައްޔާރުވެފައިވާ މިންވަރު ބެލުމެވެ. އަދި ރަނގަޅު ކުރަންޖެހޭ ދާއިރާތަށް ހުރިނަމަ، އެ ދާއިރާތަށް ދެނެގަނެ އެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

މި ޑްރިލް ކުރިއަށް ގެންގޮސްފައިވަނީ ޓީޗަރުންނަށް ޚާއްސަކޮށްގެން ހަދާފައިވާ އެދުރު ވެހި ޕްލެޓްގައެވެ. އެ ފްލެޓްގެ 9ވަނަ ފަނގިފިލާއިން ބަލި މީހަކު ބާލައިގެން އައިސޮލޭޝަން ފެސިލިޓީއަށް ގެންދާގޮތަށް މިޑްރިލްގައި ވަނީ ތަމްރީންތައް ހަދާފައެވެ.

ޑްރިލްގައި ފަރިތަކޮށްފައި ވަނީ ބަލީގެ ޢަލާމާތް ހުރިކަމަށް ޝައްކުވާ މީހަކު އިމާރާތެއްގައި ހުރިކަން ކޯލްސެންޓަރަށް ލިބުމާއިއެކު އެމީހާއަށް އެޓެންޑް ވާނެގޮތެވެ. އެގޮތުން މިހާރު އެމަޖެންސީ ސެންޓަރުގެ ގޮތުގައި ކަނޑައަޅާފައިވާ ދަރުބާރުގެއިން، ބަލި މީހާ އޮތް ލޮކޭޝަނަށް ދިއުމަށް ވާންޖެހޭ ތައްޔާރީތަކާއި އެއްގޮތަސް ތަމްރީންތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ބަލި ހުރި ކަމަށް ޝައްކުވާމީހާ ގާތަށް ސިއްޙީ އެހީތެރިން ދަނީ ފުރިހަމައަށް ހަށިގަނޑު ރައްކާތެރިކޮށްގެން ހެޒުމެޓް ސޫޓް ލައިގެންނެވެ. އަދި މާސްކާއި އަންގި ބޭނުންކޮށްގެން ވީހާވެސް ބޮޑަށް ރައްކާތެރި ވެގެންނެވެ. އަދި އިމާރާތުން މީހާ ބޭލުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތް ވަނީ ފަރިތަކޮށްފައެވެ.

މިގޮތުން މީހާ އިމާރާތުން ބާލައިގެން ގެންދާވަގުތު، މީހާ އަންނަ މަގުވެސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އަދި ބަލި ހުރިކަމަށް ޝައްކުވާ މީހާ އެމްބިއުލާންސްއަށް އަރުވައިގެން، އައިސޮލޭޝަނަށް ގެންދާނިގޮތްތައް ފަރިތަކޮށްފައިއެވެ.

މިއީ ކޯވިޑް 19 އާއި ގުޅިގެން މިގޮތަށް ކުރިއަށްގެންދިޔަ މިފަދަ 2ވަނަ ޑްރިލްއެވެ. މީގެ ފުރަތަމަ ޑްރިލް ކުރިއަށްގެން ދިޔައީ މާފަންނު ބިސްބުރު ކައިރީ ހުރި ގެއެއްގައެެވެ.

މި ޑްރިލްގެ ތެރެއިން ބައްޔަށް ޝައްކުވާ މީހާ ފެނުނު ގޭގެ މީހުންނަށް މަޢުލޫމާތު ދިނުމާއި، އަދި ކޮންޓެކްޓް ޓްރޭސިންގއާއި ގުޅޭ މަޢުލޫމާތުތައް އެއްކުރާނެގޮތްތައްވެސް ފަރިތަކޮށްފައި ވެއެވެ.