ކޯވިޑް-19

ކޯވިޑް-19 : ކާބޯތަކެތީގެ ޚިދުމަތްދީގެން ތިން ތަނެއް ޖޫރިމަނާކޮށްފި


މާލޭ ސަރަހައްދުގައި ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ބަންދުކުރަން އަންގާފައިވަނިކޮށް ކާބޯތަކެތީގެ ޚިދުމަތްދީގެން ތިން ތަނެއް ޖޫރިމަނާކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތުދެއްވި ގޮތުގައި ކާބޯތަކެތީގެ ޚިދުމަތް ދީގެން މިމަހުގެ 22 ވަނަ ދުވަހު އެއްކެފޭ އަދި 24 ވަނަ ދުވަހު ދެތަނެއް ޖޫރިމަނާކޮށްފައިވާކަމަށެވެ. މިއިން ކޮންމެ ތަނެއް ފަސްހާސް ރުފިޔާއިންވަނީ ޖޫރިމަނާކޮށްފައެވެ.

މީގެ އިތުރުން ޝީޝާ ބޮއިގެންވެސް މިމަހުގެ 20 ވަނަ ދުވަހު ކެފޭއެއްވަނީ ޖޫރިމަނާކޮށްފައެވެ.

ރާއްޖޭގައި ކޯވިޑް 19 ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ކެއިންބުމުގެ ޚިދުމަތްދޭ ހުރިހާ ތަނެއް ބަންދުކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. މިގޮތަށް ނިންމި ނަމަވެސް ޓެކްއަވޭ އުސޫލުން ކާބޯތަކެތި ވިއްކުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރެންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުންވެސް ސަރުކާރުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ރިސޯޓްތަކުގައި ހަދާފައިވާ ސްޕާތައް ފިޔަވައި ރާއްޖޭގައި ހިންގާ އެހެން ސްޕާތައް ބަންދުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.