ވިޔަފާރި

މިވަގުތު ގޭގައި މަޑުކުރޭ! ފަހުން ރާއްޖެ އާދޭ!


ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް19 ގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދަށް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. ދުނިޔޭގައި ވައިގެ މަގުންނާއި ކަނޑުމަގުން ކުރަމުން އައި ދަތުރުތައް ހުއްޓި ފަތުރުވެރިކަމަށް ވަނީ ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހިފައެވެ.

މުޅި ދުނިޔޭގެ ފަތުރުވެރިކަމަށް ލޮޅުން އަރާފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ވަނީ ހީނަރުކަން އައިސްފައެވެ. ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް މިހާތަނަށް އެންމެ ބޮދު ގެއްލުމެއް ލިބޭނެ ފަހަރެވެ. ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން މިއަހަރުގެ ތެރޭގައި 29.5 އިންސައްތަ ދަށަށްދާނެކަމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންދާޒާކުރެއެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއިއެކު ފެރުރެމުންދާ މި ބަލިމަޑުކަމުގެ އަސަރު މުޅި ދުނިޔެއަށް ކުރަމުންއަންނައިރު މިވަގުތު ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވަނީ މި ވައިރަހުން ދިވެހިރައްޔިތުން ސަލާމަތް ކުރުމަށެވެ. ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ ޑަބްލިއުޓީއޯ އިން ކުރިއަށްގެންދިޔަ "ދަ ގްލޯބަލް ޓޫރިޒަމް ކޯޑިނޭޝަން ވަރޗުއަލް މީޓިންގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުވެސް ވިދާޅުވެފައިވަނީ ރާއްޖޭގެ ޓޫރިސްޓު އެނދުތައް ފުރާލުމުގެ ބަދަލުގައި މިވަގުތު އިސްކަންދޭންވީ ކޯވިޑް19 އިން އަރައިގަތުމަށްކަމަށެވެ.

ކޯވިޑް19 އިން ރައްކާތެރިވުމަށްޓަކައި ކުރުމަށް އެންމެ މުހިންމު ކަމަކީ ގޭގައި މަޑުކޮށް ދަތުރުނުކުރުމެވެ. އަދި އާންމުންނާއި ވަކި ދުރުމިނެއް ބެހެއްޓުމެވެ. ކޯވިޑް19 އިން ރައްކާތެރިވުމަށްޓަކައި މިވަގުތު ފަތުރުވެރިން ރާއްޖެ ނައުމަށް އެމްއެމްޕީޢާރުސީއިންވެސް އަންނަނީ ގޮވާލަމުންނެވެ. ރާއްޖެ އިޝްތިހާރުކުރުމަށް މިހާރު ބޭނުންކުރަނީ "ސްޓޭ ހޯމް ވިޒިޓް މޯލްޑިވްސް ލޭޓަރ" ނުވަތަ "މިވަގުތު ގޭގައި މަޑުކުރޭ. ފަހުން ރާއްޖެ އާދޭ." މިއެވެ. އަދި ރާއްޖެ އައުމަށް ބުކިން ހަދާފައިވާ ފަތުރުވެރިން ބުކިން ކެންސަލްނުކޮށް ފަހުގެ ވަގުތަކަށް ބުކިންތައް ބަދަލުކުރުމަށްވެސް އެމްއެމްޕީއާރުސީން ވަނީ އެދިފައެވެ.

ރާއްޖެ އަންނަންތިބި ގިނަ އަދަދެއްގެ ފަތުރުވެރިން ބުކިންތައް ކެންސަލްކޮށްފައިވުމުގެ ސަބަބުން ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓްތައްވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގައި ބާރު ސްޕީޑްގައި ކޯވިޑް-19 ދަނީ ފެތުރެމުންނެވެ. އޭގެތެރޭގައި އިޓަލީ، ޗައިނާ، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް ފަދަ ޤައުމުތައް ހިމެނެއެވެ.

ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ އެކި ކަނކޮޅުތަކުގައި ފަތުރުވެރިކަމަށް މަޤްބޫލް މަންޒިލްތައް ވަނީ މުޅިން ފަޅުވެފައެވެ. ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އިން ލަފާކުރާގޮތުގައި ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގާތްގަނޑަކަށް 3 އިންސައްތައިގެ ދަށްވުމެއް މިއަހަރު އަންނާނެއެވެ. މިއީ ގާތްގަނޑަކަށް 50 ބިލިއަން ޑޮލަރާއި 30 ބިލިއަން ޑޮލަރުގެ ގެއްލުމެއްކަމަށް އެ ޖަމިއްޔާއިން ލަފާކުރެއެވެ.