ޚަބަރު

ކޯވިޑް-19 : ކުރިއަށް އޮތް 21 ދުވަހަށް އިންޑިއާ ލޮކްޑައުން


ކުރިއަށް އޮތް 21 ދުވަހަށް އިންޑިއާ ލޮކްޑައުންކުރާނެކަން އިއުލާންކޮށްފިއެވެ. މިކަން އިޢުލާންކުރައްވާފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ.

ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީވަނީ މާރޗް މަހު 22ވަނަ ދުވަހު އިންޑިއާގައި 48 ގަޑިއިރަށް އިޢުލާންކުރި ކަރފިއުގައި އިންޑިއާގެ ރައްޔިތުން ދިން އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި މިވަގުތަކީ ޙިކުމަތްތެރިކަމާއެކު، ޤައުމުގެ ވަޞީލަތްތައް ބޭނުންކުރަންވީ ވަގުތުކަން ފާހަގަކުރައްވައި އިންޑިއާގެ ބޮޑު ވަޒީރުވަނީ އިޖުތިމާޢި ގައިދުރުކަމުގައި ތިބުމަށް އެޤައުމުގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ. މިކަން ގޮތެއްގައި ތަންފީޒުކުރުމައްޓަކައި މުޅި ޤައުމު ލޮކްޑައުންއަކަށް ދާންޖެހޭކަން ފާހަގަކުރައްވައި މޯދީވަނީ މިރޭ މެންދަމު 12އިން ފެށިގެން ކުރިއަށް އޮތް 21 ދުވަހަށް އިންޑިއާ ލޮކްޑައުން ކުރިކަން އިޢުލާންކުރައްވާފައެވެ.

އެކަށޭނަ ފިޔަވަޅުތަކެއް މިވަގުތު ނޭޅިއްޖެނަމަ 21 އަހަރު ފަހަތަށް ޤައުމު ހިނގައިދާނެކަމުގެ ބިރު އެބައޮތްކަން މޯދީވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް-19އާ ގުޅިގެން އަޅުއްވާ ފިޔަވަޅުތަކާއެކު 2 ބިލިއަން ޑޮލަރު ޤައުމުގެ އެކި ކަންކަމަށް ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އައިސޮލޭޝަން އެނދާއި ވޯޑްތައް އަދި ވެންޓިލޭޓަރުތައް ފަދަ ވަސީލަތްތައް ގަތުމަށް ވަނީ ނިންމާފައެވެ. އިންޑިއާއިން މި އެޅި ފިޔަވަޅަކީ މި ބަލިމަޑުކަން ކުރިމަތިވެ މިކަމުން އަރައިގަތުމުގައި ކާމިޔާބު ފިޔަވަޅުތަކެއް އަޅާފައިވާ ޤައުމުތަކުން އެޅި ފިޔަވަޅުތަކަށް ރިޢާޔަތްކޮށް އެޅި ފިޔަވަޅެއްކަން އިންޑިއާގެ ބޮޑު ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.