ޚަބަރު

ކޯވިޑް-19 : ކަރަންޓީންވާ މީހުން ޢަމަލުކުރާނީ ކިހިނެތް؟


ކޯވިޑް-19އާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ކުރައްވާފައިވާ އެންމެބޮޑު އިލްތިމާސަކީ މިދުވަވަސްވަރު ވީހާވެސް ބޮޑަށް ގޭގައި މަޑުކުރުމެވެ.

މިގޮތަށް އަންގާފައިވަނީ ކޯވިޑް-19އަކީ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށް ވުމާއި، މިބަލި ފެތުރިގެން ދިއުމަށްވެސް ފަސޭހަ ބައްޔަކަށް ވާތީއެވެ. ގެއިންބޭރަށް ދިއުމާއި މީހުން އެއްވެއުޅޭނަމަ މިބައްޔަށް މީހާ ހުށައެޅުމުގެ ފުރުސަތު ބޮޑުވެއެވެ.

އެހެންކަމުން ބަލިން ރައްކާތެރިވުމަށް މިދުވަސްވަރު އެޅޭނެ އެންމެމުހިންމު ފިޔަވަޅަކީ ގޭގައި މަޑުކުރުމާއި ކޮންމެހެން ނުކުންނަށް ޖެހިއްޖެ ޙާލަތެއްގައި މެނުވީ ގެއިން ބޭރަށް ނުނުކުތުމެވެ. އެގޮތުން ފިހާރަތާކާއި މާރުކޭޓުފަދަ ތަންތަނަށް ދިއުންވެސް ވީހާވެސް ބޮޑަށް މަދުކުރަންޖެހެއެވެ.

ގޭގައި އައިސޮލޭޓްވާ ފަރާތްތަކާއި، ހޯމް ކަރަންޓީންގައި ތިބޭ މީހުންގެ ޢަމަލުތައް ބަހައްޓާނިގޮތުގެ އިތުޝާދު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިންދަނީ ދެމުންނެވެ. އެގޮތުން އެޗްޕީއޭއިންވަނީ ހޯމް ކަރަންޓީންގައި ތިބޭމީހުން ޢަމަލުކުރާނެގޮތުގެ އުސޫލެއް ކަނޑައަޅާފައެވެ.

މިއުސޫލުގައި ބައްޔާގުޅޭ ޢާއްމު މަޢުލޫމާތާއި ޢާއްމު އިރުޝާދު ތަކާއި ގޭގައި ކަރްންޓީނުވާންވީ މީހުންނާއި ކަރަންޓިންވެގެން ތިބޭއިރު ގޭތެރޭގައި ޢަމަލުތައް ބަހައްޓާނި ގޮތާއި، މިކަމުގެ މުހިންމު ކަމާއި، ސިއްޙީ އެހީތެރިކަން ހޯދާނެގޮތާއި، މިވަގުތުގައި ޢާއްމު ދިރިއުޅުމުގެ ޚިދުމަތްތައް ހޯދާނެ ގޮތާއި، އަދި އެންގުންތަކާ ޚިލާފުވާނަމަ އަޅާ ފިޔަވަޅުތަކުގެ މަޢުލޫމާތު ހިމެނެއެވެ.

ގޭގައި ކަރަންޓިނުވާންޖެހޭ މީހުންނަކީ ކޯވިޑް-19 ފެތުރޭ ޤައުމަކަށް ދަތުރުކޮށްފައިވާ މީހުންގެތެރެއިން، ބަލީގެ ޢަލާމާތެއް ނުފެންނަ މީހުންނެވެ. އަދި ކޯވިޑް-19ގެ ޕޭޝަންޓަކާއި ނުވަތަ ޝައްކުކުރެވޭ އަލާމާތްހުރި މީހަކާއި ބައްދަލުވި މީހާވެސް ކަރަންޓީނުވާންޖެހެއެވެ.

ކޯވިޑް-19ގެ ނުރައްކާ ބޮޑުވަނީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ދެރަ ފަރާތްތަކަށެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނާއި، ހަކުރު ބައްޔާއި ކިޑްނީއާއި ގުލޭ ބަލިތަކާއި ދިގުމުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ނުރައްކާ ބޮޑެވެ. އެޗްޕީއޭގެ އުސޫލުގައި މިފަދަ ފަރާތްތަށް ޚާއްސަ ސަމާލުކަމެއްދިނުމަށް އިލްތިމާސްކޮށްފައިވެއެވެ. އެޗްޕީއޭގެ އުސޫލުގައިވަނީ މިފަދަ ފަރާތްތަކުން ސިއްޙީ އެހީ ހޯދުމުގައި ޢަމަލުކުރާނެގޮތްތައް ފާހަގަކުރައްވާފައެވެ.

މީގެއިތުރަށް ގޭގައި ކަރަންޓީންވާ މީހާ ގޭގެ ތެރޭގައި ދިރިއުޅުމުގެ ކަންކަން ބަހައްޓާނެ ގޮތްތައްވެސް އުސޫލުގައި ފާހަގަކޮށްފައިވެއެވެ. މިފަދަ މީހުން ގޭގެ އެހެން މީހުންނާ ވަކިން ނިދުމާއި، ކެއިންބުއިމާއި އަދި އެހެނިހެން ކަންކަން ވަކިން ހަމަޖެއްސުން ހިމެނެއެވެ. އަދި ގެއިން ބޭރަށް އެއްވެސް ވަރަކަށް ދިއުން ރައްކާތެރިއެއް ނޫނެވެ. އެފަދަ ގޭގެއަށް މީހުން ޒިޔާރަތްކުރުން ހުއްޓާލަންޖެހެއެވެ. އެންމެ މުހިންމު ކަމެއްގެގޮތުގައި ފާހަގަކޮށްފައިވަނީ ބަލީގެ ޢަލާމާތެއް ހަށިގަނޑުން ފެނޭތޯ އަމިއްލައަށްވެސް މޮނިޓަރކުރުމެވެ.

ކަރަންޓިނުވާ މީހުންނަށް އިރުޝާދުދިނުމަށް އެޗްޕީއޭއިން ތައްޔާރުކޮށްފައިވާ އުސޫލުގައި ގޭގައި ބޭނުންކުރާ ތަކެއްޗާއި ތަންތަނުން ޖަރާސީމު ނައްތާލައި ސާފުކުރުމަށް ގޭގައި އަމިއްލައަށް ބައެއް ތަކެތި ތައްޔާރުކުރެވިދާނެއެވެ. ބައި ޖޯޑު(100 މިިލި ލީޓަރު) ލައްފިލުވާއަށް 1ލީޓަރު ފެން އަޅައިގެން ޑިސްއިންފެކްޓަންޓެއް ތައްޔާރުކުރެވިދާނެއެވެ.

ކަރަންޓީނުވާން އަންގާފައިވާ މީހުން އެ އެންގެވުމާ އެއްގޮތަށް ޢަމަލުކުރުމަކީ ޤާނޫނީގޮތުން ލާޒިމްކަމެކެވެ. އެއާ ޚިލާފުވެއްޖެނަމަ 5000 ރުފިޔާއަށްވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާކޮށް، އެމީހުންގެ ނަން ޢާއްމުކުރާނެކަން އެޗްޕީއޭއިންވަނީ އަންގާފައެވެ.