ޚަބަރު

ކޯވިޑް-19: މާލެ އޭރިޔާ ސަރަހައްދަށް ޚާއްސަ އެކްސަސައިޒެއް ކުރިއަށް ގެންގޮސްފި


ކޯވިޑް-19އަށް ޕޮޒިޓިވް މީހަކު މާލެ ސަރަހައްދުން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތާއި ގުޅޭގޮތުން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީން ދީފިއެވެ.

ނޭޝަނަލް އެމެޖެންސީ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ މި ތަމްރީނުގެ އެންމެ ބޮޑު މަޤުޞަދަކީ މާލެ ހިމެނޭ ސަރަހައްދުން ކޯވިޑް-19 ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތްތަކުގެ މައުލޫމާތު ދިނުން ކަމަށެވެ.

ޝަމާލް ވިދާޅުވީ، މާލެ ސަރަހައްދުން ކޯވިޑް-19 ފެނިއްޖެ ހާލަތެއްގައިވެސް އެންމެބޮޑު ޒިންމާއެއް އަދާކުރާނެ އެއްބަޔަކަށް ވާނީ ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ޙަރަކާތްތެރިވާ ފަރާތްތައް ކަމަށެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި ސެންޓަރުގައި މަސައްކަތް ކުރައްވާ ބޭފުޅުން ދުރާލައި އަމަލުކުރާނެ ގޮތްތަކާއި، ހަރަކާތްތެރިވާނެ ގޮތަކަށް ތައްޔާރުވުމަކީ މުހިންމުކަމެއްކަމަށް ޝަމާލް ވިދާޅުވިއެވެ.

މި ތަމްރީނުގައި ވަކިވަކި އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ގޮތާއި، ބަލިމީހުން އެއްތަނުން އަނެއްތަނަށް ބަދަލުކުރާނެ ގޮތާއި، ކަރަންޓީން ފެސިލިޓީޒްތަކާއި އައިސޮލޭޝަން ފެސިލިޓީސް މެނޭޖްކުރާނެ ގޮތްތަކާއި ގުޅޭ ގޮތުންވެސް ވަނީ މައުލޫމާތު ދީފައެވެ.

ޝަމާލް ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެއްވުމަށް ސިފައިން ދެމިތިބޭނެކަމަށެވެ.