ވިޔަފާރި

ކުރެއްދޫ އައިލެންޑް ރިސޯޓު ބަންދުކުރަން ނިންމައިފި


ޖޫން މަހުގެ ނިޔަލަށް ކުރެއްދޫ އައިލެންޑް ރިސޯޓު ބަންދުކުރަން އެރިސޯޓުގެ މެނޭޖްމަންޓުން ނިންމައިފިއެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އޭޕްރިލް 15 އިން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ ރިސޯޓު ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ.

ރިސޯޓުން ވަނީ މި ހާލަތުގައި ރިސޯޓުގެ ސްޓޭކްހޯލްޑަރުންނާއި ކަމާއިބެހޭ ފަރާތްތަކުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ކުރެއްދޫ ރިސޯޓަކީ ރާއްޖެއިން ކޯވިޑް-19ގެ އެންމެ ފުރަތަމަ ކޭސް ފެނުނު ރިސޯޓެވެ. އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރައިގެން ދިޔަ އިޓަލީ ފަތުރުވެރިއަކު މި ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު މި ފަތުރުވެރިޔާއާއި ކޮންޓެކްޓުވި ޑޮކްޓަރާއި ރިސޯޓުގެ ޑައިވް ސެންޓަރުގެ މުވައްޒަފަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

އޭގެ ފަހުން ވެސް އެރިސޯޓުން ތިން ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އެކަމާއި ގުޅިގެން އެރިޒޯޓަށް މީހުން އަރައި ފޭބުން މަނާކޮށް ބަންދު ކުރިއެވެ.

އެ ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓުވި މީހުން އައިސޮލޭޓް ކުރުމަށްފަހު މިހާރު ރިސޯޓު ވަނީ ހުޅުވާފައެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓުގެ އިތުރުން ކުރަމަތި އައިލެންޑް ރިސޯޓުވެސް މިހާރުވަނީ ބަންދުކޮށްފައެވެ. މި ރިސޯޓު 3 މަސްދުވަހަށް ބަންދުކުރުމަށްފަހު ޖުލައި މަހު ހުޅުވުމަށް އެ ރިސޯޓު މެނޭޖްމަންޓުން ވަނީ ނިންމާފައެވެ.

މި ރިސޯޓުތަކުގެ އިތުރުން ވެސް ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ކޯވިޑް-19 އިން ރައްކާތެރިވެ ތިބުމަށް ވަނީ ބަންދުކޮށްފައެވެ. މީގެ ތެރޭގައި ރާއްޖޭގައި ރިޒޯޓު ވިޔަފާރީގައި ސިނާއަތުގެ އެންމެ ބޮޑެތި ކުންފުނިތައް ކަމުގައިވާ ޔުނިވާސަލް އަދި ވިލާ ގްރޫޕުގެ ރިޒޯޓުތައް ހިމެނެއެވެ.