ޚަބަރު

ކޯވިޑް-19: އަސާސީ ޚިދުމަތަކަށް އެއްވެސް ރައްޔިތަކު ދަތިވާކަށް ނުޖެހޭނެ


ކޯވިޑްގެ ހާލަތާއި ގުޅިގެން އަސާސީ ޚިދުމަތަކުން އެއްވެސް ރައްޔިތަކު މަހުރޫމްވިޔަ ނުދެއްވާނެކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މުޅި ދުނިޔޭގެ އިގްތިޞާދަށްވެސް ލޮޅުންތަކެއް އަންނަމުންދާ މިދަނޑިވަޅުގައި ރާއްޖޭގެ އިޤްތިޞާދަށްވެސް ލޮޅުންތަކެއް އަންނާނެކަމަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރައްވަނީ އެއްވެސް ރައްޔިތަކަށް ބޭނުންވާ އަސާސީ ޚިދުމަތެއް އުނިނުވާގޮތަކަށް ކަންކަން ކުރިޔަށް ގެންދިޔުމަށްކަމުގައި މަބުރޫކު ވިދާޅުވިއެވެ.

ރައްޔިތުންނަށް ބޭނުންވާ ކާޑާއި، ބޭހާއި، އެނޫންވެސް ތަކެތި ރައްޔިތުންނަށް ބޭނުންވާ ވަރަށް ސަރުކާރުން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން މަބުރޫކް ވަނީދެއްވާފައެވެ. މިދަނޑިވަޅުގައިވެސް ސަރުކާރުގެ އަމާޒަކަށް ވެފައިވަނީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަށް އެއްވެސް ދަތިކަމެއްނެތޮި ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށެވެ.

މަބުރޫކްވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ކޯވިޑެ 19 ގެ ރާއްޖޭގެ މިހާރުގެ ހާލަތު ތަފްސީލު ގޮތަކަށް ހާމަކުރައްވާފައެވެ. މިހާތަނަށް 732 ސާމްޕަލެއްނަގާފައިވާއިރު، އޭގެ ތެރެއިން 719 ސާމްޕަލެއް ވަނީ ނެގެޓީވްވެފަައެވެ. 13 މީހެއް ބައްޔަށް ނެގެޓިވް ވެފައިވާއިރު، 2 ސާމްޕަލެއްގެ ނަތީޖާ ނުލިބިވާކަމަށް މަބުރޫކް ވިދާޅުވިއެވެ. މިހާތަނަށް އައިސޮލޭޝަން އާއި ކަރަންޓީން ފެސިލިޓީސްތަކުގައި 574 މީހަކު ތިބިކަމަށް މަބުރޫކް ވިދާޅުވިއެވެ.

ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވެފައިވަނީ 13 މީހެކެވެ.
ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން
ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން
ކުރަމަތި މޯލްޑިވްސްއިން 2 މީހުން
ސަފާރީއަކުން 2 މީހުން
އަނަންތާރަ ދިގު މޯލްޑިވްސްއިން 2 މީހުން

މީގެ ތެރެއިން މިހާރު ފަރުވާ ދެވެމުންދަނީ 8 މީހަކަށެވެ. ބަލިން ރަނގަޅު ވެފައިވަނީ 5 މީހެކެވެ. ބަލިން ރަނގަޅުވި 5 މީހުން މިހާރުވަނީ 30 ދުވަހުގެ ކަރަންޓީންނަށް ގެންދެވިފައެވެ.

ރާއްޖޭގައި މިހާރުވަނީ 5 ފްލޫކްލިނިކެން ގާއިމްކޮށްފައެވެ. މިއަދުން ފެށިގެން ކުޅުދުއްފުށީގައި ހުޅުވުނު ކްލިނިކުންވެސް ރޯގާއާއި، ހުންބެލޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ. ފާއިތުވެދިޔަ 24 ގަޑިއިރު ފްލޫކްލިނިކުތަކުން ގިނަ ބަޔަކުވަނީ ޚިދުމަތް ހޯދާފައެވެ.

މިގޮތުން ސެނެހިޔާގެ ފުލޫކްލިނިކަށް ދައްކާފައިވަނީ 190 މީހުންނެވެ. ޓްރެވަލް ކްލިނިކަށް ދައްކާފައިވަނީ 13 މީހުންނެވެ. އަދި ހުޅުމާލޭގައި ބިދޭސީންނަށް ޚާއްސަ ކޮށްފައިވާ ކްލިނިކަށް 17 މީހުން ދައްކާފައި ވާއިރު، ވިލިމާލޭ ކްލިނިކަށް 22 މީހުން ޑޮކްޓަރަށް ދައްކާފައި ވެއެވެ.

ކޯވިޑް 19 ގެ މައުލޫމާތު ދެއްވުމަށް ސަރުކާރުން ޤާއިމްކޮށްފައިވާ ކޯލްސެންޓަރު މެދުވެރިކޮށް ގިނަބަޔަކަށް މައުލޫމާތު ވަނީ ދީފައެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 988 މީހަކަށް މިބަލީގެ މައުލޫމާތު ފޯރުކޮށްދީފައިވާއިރު މިހާތަނަށް 13،920 ކޯލަކަށް މިސެންޓަރުން ޖަވާބު ދީފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.