ވިޔަފާރި

ކޯވިޑް-19 : އިޤްތިސާދު ކޮޅަށް ނެގުމަށް އެއް ޓްރިލިއަން ޑޮލަރު ހޭދަކުރުމަށް ތައްޔާރު - އައިއެމްއެފް


ކޯވިޑް-19 ގެ ސަބަބުން ހީނަރުވަމުންދާ ދުނިޔޭގެ އިޤްތިސާދު ކޮޅަށް ނެގުމަށް އެއް ޓްރިލިއަން ޑޮލަރު ހޭދަކުރުމަށް ތައްޔާރަށްއޮތްކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފުން ވިދާޅުވެއްޖެވެ.

ކޯވިޑް-19 އާއި ގުޅިގެން ޖީ-20 ޤައުމުތަކުގެ މާލީ ވަޒީރުންގެ މެދުގައި ބޭއްވި ބައްދަލުވުމަށްފަހު ދެއްވި ބަޔާނެއްގައި އައިއެމްއެފްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓެލީނާ ޖިއޯރޖިވާ ވިދާޅުވީ ކޯވިޑް-19 ގެ ސަބަބުން މިއަހަރު ދުނިޔޭގެ އިޤްތިސާދު ހީނުކުރާހާ މިންވަރަށް ދަށަށް ދާނެކަމަށެވެ. މިހާލަތުގައި އެންމެ މުހިއްމު ކަމަކީ ވައިރަސް ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުންކަމަށާއި މި ހާލަތުން އަރައިގަނެވިއްޖެނަމަ 2021 ވަނަ އަހަރު އިޤްތިސާދު ކޮޅަށް ނަގަން އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށެވެ.

ދުނިޔެއަށް މިހާރު ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް މިހާރުވެސް ގިނަ ބޭންކުތަކުން މަސައްކަތްކުރަމުންދާކަން ކްރިސްޓެލީނާ ވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް މިހާލަތުން އަރައިގަތުމަށް ކުރިއަރާފައިވާ ޤައުމުތަކަށް މަސައްކަތްކުރެވުނު ނަމަވެސް ކުދި އިޤްތިސާދީ ޤައުމުތަކަށް މިހާލަތުން އަރައިގަނެވޭނެ މަގެއް ނެތުމަކީ ކަންބޮޑުވާކަމެއްކަމަށް ކްރިސްޓެލީނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ވޯލްޑް ބޭންކާއި ގުޅިގެން މި ޤައުމުތަކަށް އެހީވެވޭނެގޮތެއް ހޯދުމަށްވެސް މަސައްކަތްކުރަމުންދާކަމަށެވެ.

މީގެ އިތުރުން ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އައިއެމްއެފްގެ މެމްބަރު ޤައުމުތަކަށް އެހީތެރިވުމަށް އަވަސް ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ވެސް ކްރިސްޓެލީނާ ވިދާޅުވިއެވެ. އެގޮތުން އެހެނިހެން މާލީ އިދަރާތަކާއި ގުޅިގެން މި ޤައުމުތަކަށް މާލީ އެހީ ދިނުމަށް މަސައްކަތްކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މި ދަނޑިވަޅުގައި ދުނިޔޭގެ ފަޤީރު ޤައުމުތަކަށް އެހީތެރިވުމަށްޓަކައި ރިލީފް ޓްރަސްޓް ފަންޑަށް އިތުރަށް ފައިސާ ޖަމާކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކްރިސްޓެލީނާ ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ މި ހާލަތުން އަރައިގަތުމަށް އައިއެމްއެފްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. އެގޮތުން އެހީގެ ގޮތުގައި އެއް ޓްރިލިއަން ޑޮލަރު ހޭދަކުރުމަށް އެ ފަންޑުން ތައްޔާރަށް އޮތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަޤީރު ޤައުމުތަކަށާއި ތަރައްޤީ ވަމުންދާ ޤައުމުތަކަށް އެހީތެރިވުމަށް ސްވެޕް ފެސިލިޓީތަކާއި އެސް.ޑީ.އާރް ފެސިލިޓީގެ ދަށުން ވެދެވޭނެ އެހީތަކާ ގުޅޭގޮތުން މެމްބަރުންގެ މެދުގައި މަޝްވަރާކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން މުޅި ދުނިޔެ މިވަނީ އިޤްތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ. ދުނިޔޭގެ އިޤްތިސާދީ ބޮޑެތި ޤައުމުތަކުގެ ހިއްސާގެ ބާޒާރުގެ އަގުތައް ވެއްޓެމުންދާއިރު މީގެ ސަބަބުން ވިޔަފާރިތަކަށް އެތައް ބިލިއަން ޑޮލަރުގެ ގެއްލުންތަކާއި ދަނީ ކުރިމަތިވަމުންނެވެ.