ޚަބަރު

ކޯވިޑް-19 : ފިލިޕީންސްއާއި ޕާކިސްތާނުން އަންނަން ދިވެހިންނަށް އިންތިޒާމެއް ހަމަޖައްސަނީ


ފިލިޕީންސްއާއި ޕާކިސްތާނުން އެނބުރި ރާއްޖެއަށް އަންނަން ބޭނުންވެފައިވާ ދިވެހިންނަށް ރާއްޖެއައުމަށް ދަތިތަކާ ކުރިމަތިވެފައިވަނީ އެޤައުމުތަކުގައިވެސް ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޯވިޑް-19އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ޕާކިސްތާނުުން ރާއްޖެ އަންނަން ބޭނުންވާ 11 ދިވެއްސަކަށް ރައްޖެއައުމަށް ދިމާވެފައިވާ މައްސަލަ އޮޅުންފިލުވާފައިވާކަމަށެވެ.

ފޮރިން މިނިސްޓްރީން މިކަމުގައި މަޢުލޫމާތު ސާފުކުރިއިރު ޕާކިސްތާނަށް ފުލައިޓް ޖެއްސުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާކަމަށާ، މިބޭފުޅުންނަށް ދިމާވާ ދަތިތަކައި އެޤައުމުގައި ކިޔަވަމުންދާ އިތުރު 13 ދިވެހި ދަރިވަރުންނަށް ގުޅައި އެކުދިންގެ ހާލުވެސް މިނިސްޓްރީން އޮޅުން ފިލުވާފައިވާކަމަށް މަބުރޫކް ވިދާޅުވި.

ފިލިޕީންސްގައި ތިބި ދިވެހި ދަރިވަރުންގެތެރެއިން ރާއްޖެއަށް އަންނަން ބޭނުންވާ ކުދިންނަށް ރާއްޖެ އައުމުގައި ދިމާވެފައިވާ އެންމެބޮޑު ދައްޗަކީ ފްލައިޓުތަކުން ޖާގަ ނުލިބުމާއި، ގިނަ ފްލައިޓްތަކެއް ކެންސަލް ވުމެވެ. މިކަމުގައިވެސް ފޮރިން މިނިސްޓްރީން ޙައްލު ހޯދުމަށްޓައި އެ ދަރިވަރުންނާ ގުޅައިގެން މަސައްކަތް ކުރަމުންދާކަމަށް މަބުރޫކް ވިދާޅުވިއވެ.

އޭނާ ވިދާޅުވީ ބޭރުގެ ހުރިހާ ޤައުމުގެއްގައިވެސް އުޅޭ ދިވެހިންގެ ޙާލު ފޮރިން މިނިސްޓްރީން ވަރަށްގާތުން ބަލަމުންދާކަމަށެވެ.