ޚަބަރު

ކޯވިޑް-19 : އެންމެބޮޑު ރިސްކެއްގައި ރިޒޯޓްތައް، އެންމެ ރީތިނަމޫނާވެސް ރިޒޯޓްތަކުން


ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުވެރިންނެވެ. މިހާތަނަށް ޕޮޒިޓިވްވި 2 މީހަކު ފިޔަވައި އެންމެންނަކީވެސް ރިސޯޓްތަކުން ޕޮޒިޓިވްވެފައިވާ މީހުންނެވެ.

ކޯވިޑް-19އަށް ރައްކާތެރިވުމަށްޓަކައި ސަރުކާރުން މިއަހަރުގެ ޖެނުއަރީ މަހުގެ 7ވަނަ ދުވަހުން ފެށިގެން މިއަދާހަމަޔަށްވެސް އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދުގެ %70 ޙިއްސާކުރާ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު ހީނަރުކަމެއް އަންނަފަދަ ފިޔަވަޅުތަކެއްވެސް ހިމެނެއެވެ. އެނޫން އެހެންގޮތެއްވެސް ނެތެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުންދާ ކޮންމެ ފިޔަވަޅަކީވެސް ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެކެވެ. ރައްޖޭގެ އިޤްތިޞާދާއި، ތަރައްޤީއާއި އެހެން ހުރިހާކަމަށްވުރެ މުހިންމީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމެވެ. މިއީ ސަރުކާރުގެ އެންމެ އިސް ސިޔާސަތެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި އެންމެފުރަތަމަ، ރާއްޖެއިން އެޅި ފިޔަވަޅު ތަކުގެތެރޭގައި މިބަލި ފެތުރެމުންދާ ޤައުމުތަކުން ރާއްޖެއަށް މީހުންނަށް ނާދެވޭގޮތަށް ދަތުރުތައް މެދުކަނޑާލާފައެވެ. މިޤައުމުތަކުގެ ތެރޭގައި ޗައިނާއާއި އިޓަލީއާއި ފަރަންސޭސީ ވިލާތާއި އިގިރޭސިވިލާތްފަދަ ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން އަންނަ ޤައުމުތައް ހިމެނެއެވެ. މިއާއުއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ހުއްޓުމަކަށްއައިސް ބައެއް ރިޒޯޓްތައް ވަނީ ބަންދުވެސްކޮށްފައެވެ.

މިފިޔަވަޅުތައް އަޅާފައިވަނީ ރާއްޖޭގައި ކޯވިޑް-19 އިތުރަށް ފެތުރުނަނުދީ ބަލި ކޮންޓްރޯލްކުރުމަށްޓަކައެވެ. މިފިޔަވަޅުތަކާއެކުވެސް ރާއްޖޭގެ ރިސޯޓްތަކުން ދައްކަމުންދަނީ ރީތި ނަމޫނާއެކެވެ. އެރިސޯޓްތަކަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ރައްޔިތުންނާއިއެކު ތިބިކަން ހާމަކޮށްދިނުމަށް ޤައުމުތަކުގެ ދިދަޔާއެކު އެޤައުމެއްގެ ބަހުން ހަމްދަރުދީގެ މެސެޖްތައް ދަނީ އެކި ގޮތްގޮތަށް ފޮނުވަމުންނެވެ.

މިމަންޒަރުތަކާއެކު ރިސޯޓުތަކުގެ މުވައްޒަފުން ކިތަންމެބޮޑު ރިސްކެއްގައި ތިބިނަމަވެސް ދިވެހިންގެ ރީތި ނަމޫނާ މުޅިދުނިޔެއަށް ދަނީ ދައްކަމުންނެވެ. ރިސޯޓުތަކަށް އަރައި ފޭބުމާއި އަމިއްލަ ރަށަށް އަމިއްލަ އާއިލާ ކައިރިއަށް ދިއުމުގެ ފުރުސަތުވެސް މިހާލަތާއެކު ނެތްއިރު، ރިސޯޓްތަކުގެ މުވައްޒަފުންގެ ހިތްވަރާއި ކެތްތެރިކަމަށް ދިވެހި ސަރުންވެސްވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިފަދަ ޚައްޞާސް ދަނޑިވަޅެއްގައި ރިސޯޓްތަކުގެ މުވައްޒަފުންނާއި މެނޭޖްމަންޓުންދަނީ އެފަރާތްތަކަށް ވެދެވެންއޮތް އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. މިވަގުތު ރާއްޖޭގައި ޤާއިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީސްތަކާއި އޮސޮލޭޝަން ފެސިލިޓީސްތަކުގެ ބޮޑުބައެއް ޙިއްސާކުރަނީވެސް ރިސޯޓުތަކުންނެވެ. ރިސޯޓުތަކުގެގޮތުގައި ބޭނުންކުރި ބައެއް ރަށްރަށް ހިލޭ ސާބަހަށް އެވަނީ ކަރަންޓީން ފެސިލިޓީސްތަކާއި އޮސޮލޭޝަން ފެސިލިޓީސްތަކުގެ ގޮތުގައި ދީފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން މިއަދު ދައްކަމުންދާ ރީތި ނަމޫނާއާއި ހިތްވަރަކީ މިބަލިން ސަލާމަތްވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ފާހަގަކުރެވޭ މުހިންމު ކަމެކެވެ.