ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ކުރިމަތިވާ އިޤްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން އިއުލާންކޮށްފައިވާ މާލީ ޕެކޭޖަކީ ފަތުރުވެރިކަމާއި ޤައުމުގެ އިޤްތިސާދު ނެގެހެއްޓުމަށް އެހީތެރިވާނެ މާލީ ޕެކޭޖެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީން ބުނެފިއެވެ.
މަޓީން ނެރެފައިވާ ބަޔާނެއްގައި ވަނީ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށްފައެވެ. އަދި މިކަމުގައި ކުރީސަފުގައި އުޅުއްވާ ހުރިހާ ދާއިރާއެއްގެ ފަރާތްތަކަށް މަޓީންވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކޯވިޑް-19ގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް މާލީ ޕެކޭޖެއް ސަރުކާރުން އިއުލާންކޮށްފައިވާތީ މިކަމަށް މަޓީންވަނީ މަރުހަބާ ކިޔާފައެވެ.
އެގޮތުން ސަރުކާރުން ނިންމާ މިފަދަ ކޮންމެ ނިންމުމަކަށް އެއްބާރުލުން ދޭނެކަމަށް މަޓީގެ ބަޔާނުގައި ވެއެވެ. އަދި ފަތުރުވެރިކަމާއި ޤައުމުގެ އިޤްތިސާދު ނަގަހައްޓާ ދެމެހެއްޓުމަށްޓަކައި، މިހާރު ކުރިމަތިވެފައިވާ މިމައްސަލައިގައިވެސް ސަރުކާރާއި ކަމާބެހޭ ފަރާތްތަކާއެކު ގާތުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން މަޓީންވަނީ ދީފައެވެ. މީގެއިތުރުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުވާނެކަމަށް އުންމީދުކުރާކަމަށް މަޓީން ހާމަކޮށްފައިވެއެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގެއްލުން ކުޑަކޮށް އިޤްތިސާދީ ހީނަރުކަމުން އަރައިގަތުމަށް 2.5 ބިލިއަން ރުފިޔާގެ ފައިނޭންޝަލް ޕެކޭޖެއް ސަރުކާރުންވަނީ ތަޢާރަފްކޮށްފިއެވެ.
މިޕެކޭޖްގެ ދަށުން 2 ބިލިއަން ރުފިޔާއާހަމައަށް ލޯނު ދޫކުރެވޭނެކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.