ޚަބަރު

ކޯވިޑް 19 : ވިލިމާލޭގައިވެސް ފްލޫ ކްލިނިކެއް ހުޅުވައިފި


ވިލިމާލޭގައިވެސް ހުމާއި ރޯގާއަށް ޚާއްސަކޮށްގެން "ފްލޫ ކްލިނިކް"އެއް ހުޅުވައިފިއެވެ.

މި ކްލިނިކްގެ ޚިދުމަތް މިއަދު ފެށުމަށްވަނީ ހަމަޖެހިފައެވެ. މި ކްލިނިކަކީ ހުމާއި ރޯގާއަށް ޑޮކްޓަރަށް ދައްކަންދާ މީހުން، އާއްމު ހޮސްޕިޓަލްތަކަށް ދިއުމުގެ ބަދަލުގައި، ވަކިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ހަދާ ކްލިނިކެކެވެ. ވިލިގިނލީގައި ހަދާފައިވާ ފްލޫ ކްލިނިކް ހުންނާނީ ވިލިމާލޭގައި އެންމެ ފަހުން ހަދާފައިވާ މިސްކިތް ކުރިމަތީގައެވެ.

ހުމާއ ރޯގާއަށް ޑޮކްޓަރަށް ދެއްކުމަށް ވިލިމާލޭގައި ހަދާފައިވާ ކްލިނިކްގެ ޚިދުމަތް ލިބޭނީ ކޮންމެ ދުވަހެއްގެ ހެންދުނު 10:00އިން އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް މި ކްލިނިކްގެ ޚިދުމަތްދޭނީ އެއްވެސް ފީއަކާ ނުލައެވެ.

ވިލިމާލޭ ފްލޫ ކްލިނިކަކީ އައިޖީއެމްއެޗްއިން ހިންގާ ކްލިނިކެކެވެ.

ފްލޫ ކްލިނިކްތަކަށް ޑޯކްޓަރަށް ދައްކަންޖެހެނީ ވޭތުވެދި 14 ދުވަހުގެ މުއައްދަތުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ނުވާ ފަރާތްތަކެވެ.

މާލޭގައިވެސްދަނީ ހުމާއި ރޯގާއަށް ޚާއްސަކޮށްގެން ކްލިނިކެއް ހަދައި ޚިދުމަތް ދެމުންނެވެ. މި ކްލިނިކް ހިންގަނީ ސެނެހިޔާ ހޮސްޕިޓަލްގައެވެ. ހުމާއި ރޯގާގެ އަލާމާތްތައް ހުރެގެން މި ކްލިނިކަށް މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވެވެެ.

މީގެއިތުރަށް ދަތުރުވެރިންނަށް ޚާއްސަކޮށްގެން މާލޭގައި ޓްރެވަލަރސް ކްލިނިކްއަކާއި، އަދި ބިދޭސީންނަށް ޚާއްސަ ކްލިނިކެއްގެ ޚިދުމަތް ހުޅުމާލޭގައި ވަނީ ފަށާފައެވެ.