ކޯވިޑް-19

ކޯވިޑް-19 : މަގުމައްޗަށް ކުނިއެޅުން ހުއްޓާލާ، ސާފުކޮށް ބޭއްވޭނީ އެންމެންގެ ބައިވެރިވުމާއެކު: މޭޔަރ ޞިފާ


މާލޭގެ މަގުމައްޗަށް ކުނި އެޅުމުގެ އާދަ ދޫކޮށްލައި، މަގުމަތި ސާފުތާހިރުކޮށް ބޭއްވުމަށް އެންމެންގެ ބައިވެރިވުމާއި އެއްބާރުލުން ދެއްވުމަށް މާލޭ ސިޓީގެ މޭޔަރ ޞިފާ މުޙައްމަދު ގޮވާލައްވައިފިއެވެ. މާލޭ ސިޓީގެ މޭޔަރ މިކަމަށް ގޮވާލެއްވީ، މާލޭގެ މަގުތައް ކްލޮރިން އަޅައިގެން ސާފުކުރުމަށް ބޭއްވި ހަރަކާތް ފައްޓަވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މާލޭގެ މަގުތައް ކުލޮރިން އަޅައިގެން ދޮވެ، ސާފު ކުރުމުގެ މަސައްކަތަކީ މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ޓީމް ގުޅިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މަސައްކަތެކެވެ. މި މަސައްކަތުގެ ކްލޮރިން އަޅައިގެން މަގުތައް ސާފުކުރުމުގެ އިތުރުން، މަގުމަތީގައި ބަހައްޓާފައި ހުންނަ ޕެލެޓްތަކާއި، ހަލާކު ވެފައި ހުންނަ ޕެލެޓްތައް ނެގުމުގެ މަސައްކަތްވެސް ކުރާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މަގުތައް ސާފުކުރުމުގެ މަސައްކަތް ފައްޓަވައި ދެއްވައި ވާހަކަފުޅުދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ޞިފާ މުޙައްމަދު ވިދާޅުވީ، ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކާ އާއްމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ޞިއްޙީ ޚިދުމަތްތެރިން އިރުޝާދު ދެމުންދާ މި ދަނޑިވަޅުގައި މާލޭ ސިޓީ ކައުންސިލުންވެސް އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާކަމަށެވެ. މޭޔަރ ސިފާ ވިދާޅުވީ، މަގުމައްޗަކީ އެންމެންވެސް ބޭނުންކުރާ ތަނެއްކަމުން، މަގުމަތި ސާފުތާހިރުކޮށް ބޭއްވުމަކީވެސް އެންމެންގެ ޒިންމާއެއްކަމަށެވެ. އަދި އެކަން ކުރެވޭނީ ފަރުދީ ޒިންމާ އަދާކޮށް، އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންކަން މޭޔަރ ފާހަގަކުރެއްވިއެވެ.

"މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންވެސް މާލެ ސާފުތާހިރުކޮށް ބޭއްވުމަށްޓަކާ ވަރަށް ބޮޑު ސަމާލުކަމެއްދޭން އެބަޖެހޭ. ފުޅިއާއި ދަޅާއި ކޮތަޅާއި މިފަދަ އެއްޗެހި މަގުމައްޗަށް ނޫކުމާއި، ޚާއްސަކޮށް މަގުމައްޗަށް ކުޅު ނުޖެހުމަށްޓަކާ އެވަނީ އިރުޝާދުތައް ދެވިފައި. އެންމެންގެ އެއްބާރުލުމާއެކު މިކަމުން އަޅުގަނޑުމެންނަށް ސަލާމަތްވެވޭނީ. މަގު ސާފުކުރުމަށް އަޅުގަނޑުމެން ނުކުތްކަމުގައިވިޔަސް އަޅުގަނޑު ދަންނަވާލަން އާއްމުންނަށް ގޭގައި ރީއްޗަށް ތިއްބެވުމަށް. އަޅުގަނޑުމެން ތިބޭފުޅުންނަށްޓަކާ ކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން" މާލޭ ސިޓީގެ މޭޔަރ ޞިފާ މުޙައްމަދު ވިދާޅުވިއެވެ.

މާލޭގެ މަގުތައް ކްލޮރިން އަޅައިގެން ސާފުކުރުމުގެ މަސައްކަތް ފުރަތަމަ ފަށާފައި ވަނީ ކަނބާއައިސަރަނި ހިނގުމުން އައި.ޖީ.އެމް.އެޗް ކައިރިންނެވެ. މި މަސައްކަތުގައި މާލޭގެ ބޮޑެތި މަގުތަކުގައި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއުގެ ފެން ބައުޒަރު ބޭނުންކޮށްގެން ކްލޮރިން ފެން ޖަހާނެކަމަށާއި، ހަނިމަގުތަކަށްވެސް ހޮޅި ވައްދައިގެން ފެން ޖެހުމަށް ހަމަޖެހިފައިވާކަމަށް އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއުގެ ކޮމާންޑަންޓް ކާނަލް ޢަބްދުﷲ އިބްރާހީމް ވިދާޅުވިއެވެ.

"ކޯވިޑް-19 އާއި ގުޅިގެން އަޅުގަނޑުމެން އެބަޖެހޭ ވަރަށް ބޮޑަށް ސާފުތާހިރުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން. މިއަދާއި މާދަމައާއި އެއްކޮށް މި މަސައްކަތް ނިންމާލެވޭތޯ ބަލާނީ. ނުނިމިއްޖެއްޔާ ދުވަސް އިތުރުކުރާނަން. މި މަސައްކަތް މިފެށީ އައިޖީއެމްއެޗް ކުރިމަތިން. މިތަނަކީ މިއީ މި އޮޕަރޭޝަންގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ސަރަޙައްދު. މި ސަރަޙައްދަށްފަހު އަޅުގަނޑުމެންގެ ވޯޓަރ ބައުޒަރަށް ވަދެވޭ މަގުތަކުން ދުއްވާނަން. އަދި ހަނިމަގުތަކަށްވެސް ހޮޅިވައްދައިގެން އަޅުގަނޑުމެން ސާފުކުރާނަން" އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއުގެ ކޮމާންޑަންޓް ކާނަލް ޢަބްދުﷲ އިބްރާހީމް ވިދާޅުވިއެވެ.

މާލޭގެ މަގުތައް ސާފުކުރުމުގެ ގޮތުން ޖަހާ ކްލޮރިން ފެނުން އެއްވެސް ޞިއްޙީ މައްސަލައެއް ކުރިމަތިނުވާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، ރައްކާތެރިވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މިގޮތުން އާންމުން އެއްވެ އުޅުން މަދުކުރުމަށާއި ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ޑޮކްޓަރުންނާއި ކަމާބެހޭ ފަރާތްތަކުން އަންނަނީ ލަފާ ދެމުންނެވެ. އަދި ޕާކްތަކާއި މައިޒާންތައް ބަންދުކޮށް ކެފޭ ރެސްޓޯރެންޓްތައްވެސް ވަނީ ބަންދުކޮށްފައެވެ.