ވިޔަފާރި

ޓާކިޝް އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތައްވެސް ވަގުތީގޮތުން ހުއްޓާލަނީ


ޓާކިޝް އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލުމަށް އެ އެއާލައިނުން ނިންމައިފިއެވެ.

ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން މިހާރު އަންނަނީ ކޯވިޑް19 އާއި ގުޅިގެން އެ އެއަރލައިންތަކުން ދުނިޔޭގެ އެކި ޤައުމުތަކަށް ކުރަމުން އަންނަ ދަތުރުތައް ހުއްޓާލަމުންނެވެ.

ޓާކިޝް އެއާލައިނުން ބުނެފައި ވަނީ ކޯވިޑް19 އާއި ގުޅިގެން ޑިމާންޑަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެ އެއަރލައިނުން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ. މާރޗް މަހުގެ 23 އިން ފެށިގެން އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ހުއްޓާލިނަމަވެސް އެޕްރީލް މަހުގެ 16 ފެށިގެން އަލުން ދަތުރުތައް ފަށާނެކަމަށް އެ އެއަރލައިނުން ބުނެއެވެ.

ކޮންމެ ދުވަހަކުވެސް ޓާކިޝް އެއަރލައިނުން އަންނަނީ ތުރުކީގެ އިސްތަންބޫލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދަތުރުތައް ބާއްވަމުންނެވެ.

އިއްތިހާދު އެއަރވޭސްއާއި އެމިރޭޓްސްއިންވެސް ވަނީ ރާއްޖެއަށް ކުރަމުންއައި ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމަށް ނިންމާފައެވެ.