ޚަބަރު

ކޯވިޑް-19: ވިލާތާއި މެދުއިރުމައްޗަށް ދަތުރުކޮށްފައި ރާއްޖެ އައި ދިވެއްސަކު ޓެސްޓުކުރަނީ


ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން ކޯވިޑް 19އަށް ޝައްކު ކުރެވޭ އަލަމާތްތަކެއް ފެނިގެން ދިވެއްސަކު ބައްޔަށް ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

މިމީހާއަކީ ޔޫރަޕާއި މެދުއިރުމަތީގެ ޤައުމުތަކަށް ދަތުރުކުރުމަށްފަހު އެނބުރި ރާއްޖެ އައިސްފައިވާ ދިވެއްސެކެވެ. މި މީހާގެ ގައިން ކޯވިޑް 19އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިފައިވާތީ، އޭނާ ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

އެޗްޕީއޭއިން މީގެކުރިންވެސްވަނީ ރާއްޖެއިން ބޭރަށް ގޮސް ރާއްޖެ އައި ބައެއް ދިވެހިންގެ ގައިން އަލާމާތްތައް ފެނިގެން ކޯވިޑް 19އަށް ޓެސްޓް ކޮށްފައެވެ. ނަމަވެސް މިހާތަނަށް ނަގާފައިވާ މިފަދަ ހުރިހާ ސާމްޕަލްތައްވަނީ ނެގެޓިވްވެފައެވެ.

ވޭތުވެދިޔަ 10 ދުވަހު ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހެއްގެ ގައިން ކޯވިޑް 19ގެ އަލާމަތްތައް ފެންނަ ނަމަ ލަސްނުކޮށް ޓްރެވަލްސް ކްލިނިކަލް ދެއްކުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.