ޚަބަރު

ރާއްޖެއަށް ކަނޑައަޅާފައި އޮތް އެކްސްކާޝަންގެ މުއްދަތު އިތުރުކޮށްފި


އެކްސްކާޝަންގެ ގޮތުގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް ރާއްޖެއަށް ކަނޑައަޅާފައި އޮތް މުއްދަތު އިތުރުކުރުމަށް ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް އަންގަވައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެންގެވި މިއެންގެވުމުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އެއްވެސް ރަށަކުން ރިސޯޓަކުން، ސަފާރީއަކުން އަދި ގެސްޓްހައުސްތަކުން މީހުން އައުމާއި ދިއުން ވަކި ގޮތެއް އަންގަންދެން ހުއްޓާލުމަށް އަންގާފައެވެ.

މުޅި ރާއްޖެއަށް އެކްސްކާޝަންގެ އަމުރެއް އެންމެ ފުރަތަމަ ނެރުނީ މާޗްމަހުގެ 13ވަނަ ދުވަހުއެވެ. 10 ދުވަހުގެ މުއްދަތަކަށް ނެރުނު މި އެކްސްކާޝަންގެ މުއްދަތު މާދަމާއަށް ހަމަވުމާއެކު މި މުއްދަތު އަނެއްކާވެސް މިވަނީ އިތުރުކޮށްފައެވެ.

މިފިޔަވަޅު އެޅުމަށް ނިންމަވާފައި ވަނީ ކޮރޯނާވައިރަސް (ކޯވިޑު-19) ބަލި އިން ރައްކާތެރިކުރުމަށް ޤާނޫނު ނަންބަރު 7/2012 (އާންމުޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިންނެވެ.

އެހެންކަމުން މިކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން މިފިޔަވަޅުތައް ތަންފީޒުކުރުމަށް އެޗްޕީއޭއިން ވަނީ ކަމާއި ބެހޭ އެންމެހާފަރާތްތަކުގެ ކިބައިން އެދިފައެވެ.