ޚަބަރު

ކޯވިޑް-19: ފެލައިނީއާ ބައްދަލުވި މީހުން އަމިއްލައަށް ރިޕޯޓްކޮށްދިނުމަށް އިލްތިމާސްކޮށްފި


ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު މިމަހުގެ 12 ވަނަ ދުވަހު ޗައިނާ އަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މައުރޯނޭ ފެލައިނީއާ ކޮންޓެކްޓުވި އެއްވެސް ބޭފުޅަކު ހުރިނަމަ އެކަން ލަސްނުކުރައްވައި އެންގެވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19އާގުޅޭ މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މުޙައްމަދު މަބްރޫޒް އަޒީޒް ވިދާޅުވީ، ފެލައިނީއާއި ކޮންޓެކްޓްވި މީހުންގެ ތެރެއިން 2 ދިވެހިންގެ ކިބައިން ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސާމްޕަލް ނަގައި ޓެސްޓް ކުރަމުންދާކަމަށެވެ.

އޭނާ ރާއްޖެ އައިސް ރިސޯޓުގައި ޗުއްޓީ ދޭއްދަކުރުމަށްފަހު އެއާރޕޯޓުން ފުރުމާއި ހަމަޔަށް ކޮންޓެކްޓްވި މީހެއްވާނަމަ އެކަން އަމިއްލަ އިސްނެންގެވުމުގެ މަތީންވެސް އެޗްޕީއޭއަށް ރިޕޯޓްކޮށް ދެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. ފެލައިނީއާ ބައްދަލުވި ބައެއް މީހުން އެކަން ނާންގައި ތިބޭކަން ފާހަގަކުރައްވައި މަބްރޫކް ވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކަމާއިބެހޭ ފަރާތްތަކަށް އެއީކޮންބައެއްކަން އެގެންދެން ނުތިބެ އަމިއްލަ އަށް ރިޕޯޓްކުރުމަށް އެޗްޕީއޭއިން އެދިވަޑައިގަންނަވާކަމަށް މަބުރޫކް ވަނީ ވިދާޅުވެފައެވެ.

ފެލައިނީ ރާއްޖެ އައިސްފައިވަނީ މިމަހުގެ 8ވަނަ ދުވަހުކަމަށާ، އޭނާ ޗުއްޓީ ހޭދަކޮށްފައިވަނީ ރީތި ރަށް ރިޒޯޓުގައިކަމަށެވެ. އަދި އޭނާ ޗުއްޓީ ނިންމާލުމަށްފަހު ރާއްޖެއިން ފުރައިގެން އެނބުރި ޗައިނާއަށް ގޮސްފައިވަނީ މިމަހުގެ 12ވަނަ ދުވަހު ކަމަށް މަބުރޫކު ވިދާޅުވިއެވެ. އަދި މިހާތަނަށް ބެލިބެލުމުން ފެލައިނީ މިބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް ބޮޑަށް ލަފާކުރެވެނީ ރާއްޖެ ދޫކޮށްދިޔަފަހުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.