މާލޭގެ މާރުކޭޓުތަކުގެ ސާފުތާހިރުކަމާއި ޞިއްޚީ ރައްކާތެރިކަން ކަށަވަރުކުރުމަށް މާރުކޭޓުތަކުގައި އަތްދޮވެވޭނެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
އަތްދޮވެވޭނެ އިންތިޒާމް ހަމަޖައްސަނީ މިހާރު ފެތުރުމެންދާ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.
މާލޭގެ މާރުކޭޓުތަކަކީ ކާބޯތަކެތީގެ ވިޔަފާރި ކުރުމަށް އެއްފަހަރާއި އެތައް ބަޔަކު އެއްވެ އުޅޭ ތަންތަނެވެ. ގިނަފަހަރު މާރުކޭޓަކުން އެންމެ އާފަލެއްވެސް ގަނެގެން ދެވެނީ މާރުކޭޓުގެ ހުރިހާ ގޮޅިތަކަށް ވަދެ ގޮޅިތަކުގައި ހުންނަ ހުރިހާ މޭވާތަކެއްގައި އަތް ހޭކުމަށް ފަހުއެވެ.
މިގޮތަށް ހުންނަ މޭވާއާއި ތަރުކާރީއަކީ އެތައް ތަނަކުން އެތައް ބައެއްގެ އަތް މަތިން ގެނެސް މާރުކޭޓުތަކުގައި ހުންނަ މޭވާތަކެވެ.
މާލޭގެ ހާލަތަށް ބަލާއިރު މައްސަލައަކީ ހަމައެކަނި މިއެއްވެސް ނޫނެވެ. މާރުކޭޓުތަކުގައި ގިނައީ ބިދޭސީ މަސައްކަތްތެރިންނެވެ. ކޮންމެ ގޮޅިއެއްގައި ދޭއް ނުވަތަ ތިން ބިދޭސީން ތިބެއެވެ.
މި ގޮޅިތަކުގައި ތިބޭ ގިނަ ބިދޭސީންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ދަށެވެ. މާރުކޭޓް ފަދަ ތަންތަނަކީ އެންމެން އެއްވެ ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަން ކަމަށްވާއިރު ސާފުތާހިރުކަމުގެ މިންގަނޑަށް ވަރަށް ބޮޑަށް ބަލަންޖެހެއެވެ.
ވަކިން ޚާއްސަކޮށް ކޯވިޑް-19 ފަދަ ނުރައްކާތެރި ވައިރަހެއް ފެތުރެމުންދާ މި ދަނޑިވަޅުގައި މި ވައިރަސް ކޮންޓްރޯލްކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއްވެސް ވީ އެންމެ އަވަހަކަށް އަޅަން ޖެހެއެވެ.
ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވީ މާރުކޭޓުތަކުގެ ސާފުތާހިރުކަން ބެލެހެއްޓުމުގެ މަސައްކަތް މިހާރު އެކައުންސިލުން ކުރަމުންދާކަމަށެވެ. އަދި މާރުކޭޓުތަކުގައި އުޅޭ ބިދޭސީންނާއި ޚިދުމަތް ހޯދާ ފަރާތްތަކަށް، އަތް ދޮވެވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށްވެސް ސިފާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ހިންގާ މާރުކޭޓުތަކުގެ ދިމާލުގައި އަޅުގަނޑުމެން މިދަނީ އަތްދޮވެވޭނެ ގޮތް ހެދުމަށް މަސައްކަތްކުރަމުން. މިކަމަށް ވަގުތު ނަގާނެ އެކަމަކު އަތް ދޮވެވޭނެ ކަންކަން އެބަކުރަން. މިހާރު މަސައްކަތް މި ކުރަނީ އެމްޑަބްލިއުއެސްއީއާއި ގުޅިގެން މިކަން ހަމަޖެއްސުމަށް. މީގެ އިތުރުން އެތަންތަން ސާފުކޮށް ބެލެހެއްޓުމަށްޓަކައި ބިދޭސީންނަށް މަޢުލޫމާތުވެސް އެބަދެން." ސިފާ މުހައްމަދު ވިދާޅުވިއެވެ.
މޭޔަރ އިތުރަށް ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން އިޖުތިމާޢީ ގައިދުރުކަމާއި ސާފުތާހިރުކަން ބެހެއްޓުމާއި ގުޅޭގޮތުން ބިދޭސީންނަށް މަޢުލޫމާތުދިނުމަށް ކައުންސިލްގެ ޓީމެއް މިހާރު މަސައްކަތްކުރަމުންދާކަމަށެވެ.
އެގޮތުން މިހާތަނަށް 1000 އެއްހާ ބިދޭސީންނަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދީފައިވާކަމަށް މޭޔަރ ސިފާ ވިދާޅުވިއެވެ.
މާރުކާޓުތަކާއި ފިހާރަ ފަދަ ތަންތަނަކީ ގިނަ ބަޔަކު އެއްވާ ތަންތަނެވެ. ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެންއީއޯސީން ވެސް ވަނީ މިފަދަ ތަންތަނަށް ޒިޔާރާތްކުރުން މަދުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އަދި މި ތަންތަނަށް ޒިޔާރަތްކުރިނަމަވެސް ސާފްތާހިރުކަމަށް ބަލައި އަތް ދޮވެ ހެދުމަކީ ވަރަށް މުހިއްމުކަމެއްކަމަށް ވެސް މިސެންޓަރުން ބުނެއެވެ.