ޚަބަރު

ކޯވިޑް-19: "އެންމެ މީހަކާ ހެދިވެސް ޤައުމު ނުރައްކަލަކަށް ވެއްޓިދާނެ"


ކޯވިޑް-19އަށް ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ދައްކަވާފައިވާ އިރުޝާދުތަކަށް ތަބާނުވާނަމަ އެންމެ މީހަކާހެދިވެސް ގުޅި ޤައުމު ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތްކަމުގައި މަބުރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން ބަލި ފެތުރުނަނުދީ ކޮންޓްރޯލްކުރުމަށް ސަރުކަރުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކޯވިޑް-19ގެ ކަންކަމާބެހޭ މަޢުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ، މިކަމަކީ ކޮންމެ ރައްޔިތެއްގެ ފަރުދީ ޒިންމާއާވެސް ގުޅިފައިވާކަމެއްކަމަށެވެ.

މިބަލި ފެތުރުނަނުދީ ކޮންޓްރޯކުރުމަށް މިހާތަނަށްވެސް ސަރުކާރުން ބޮޑެތި ފިޔަވަޅުތަކެއް އަޅައި ރައްޔިތުންގެ ސަލާމްތެރިކަން ކަށަވަރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. މިކަންކަން ތަންފީޒުކޮށްދިނުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށްވާއިރު މިކަމުގައި ކޮންމެ މީހެއްގެ ފަހަތުގައި ފުލެހެއް ބަހައިޓައިގެން ކުރާކަމަކަށް ނެހެދުމަށް މަބުރޫކްވަނީ ވިދާޅުވެފައެވެ.

"ސަރުކާރުން މިދަނީ މިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން. މިކަމުގައި ހަމަ އެންމެ މީހެއް އަމަލުކުރާ ގޮތަކުންވެސް މުޅި ޤައުމު އެބަ ނުރައްކަލަށް ހުށަހެޅޭ. އެފުރުސަތު ދީގެންނުވާނެ. ޤައުމެއް މަސައްކަތް ކުރަންޖެހެނީ އޮބައަޅައި ހިފަހައްޓައިގެން ނޫން. ކޮންމެ މީހެއްގެ ފަހަތުގައި ފުލެހެއް ބަހައްޓައިގެންނޫ." މަބުރޫކް ވިދާޅުވި.

އޭނާ ވިދާޅުވީ މިކަމުގައި ފަރުވާ ކުޑަކޮށް ޒިންމާރުކަން ކުޑަކޮށް އަމަލުކުރައްވާ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމާއިބެހޭ ފަރާތްތަކުން އަޅަމުންދާނެކަމަށެވެ. ނަމަވެސް މިފަދަ ހާލަތެއްގައި މުޅި ޤައުމު އޮތްއިރު އެއްވެސް ރައްޔަތަކު ތިމާގެ ސަބަބުން މުޅި މުޖުތަމައަށް ގެއްލުންވާފަދަ ގޮތަކަށް އަމަލުތައް ނުބެހެއްޓެވުމަސް މަބުރޫކްވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައެވެ.

ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވެފައިވަނީ 13 މީހެއް

  • ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން
  • ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން
  • ކުރަމަތި މޯލްޑިވްސްއިން 2 މީހުން
  • ސަފާރީއަކުން 2 މީހުން
  • އަނަންތާރަ ދިގު މޯލްޑިވްސްއިން 2 މީހުން

މީގެ ތެރެއިން މިހާރު ފަރުވާ ދެވެމުންދަނީ 10 މީހަކަށެވެ. ބަލިން ރަނގަޅު ވެފައިވަނީ 3 މީހެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް 19އަށް ޝައްކުރެވިގެން 651 މީހެއްގެ ސާމްޕަލްވަނީ ނެގިފައެވެ. 13މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 638 މީހެއް ނެގެޓިވް ވެފައިވާކަމަށް. ޕޮޒިޓިވްވި 13 މީހެއްގެ ތެރެއިން 3 މީހަކު ބަލިން ރަނގަޅުވެފައިވާއިރު 6 ސާމްޕަލެއްގެ ނަތީޖާ އަދި ލިބިފައިވނުވާކަމަށެވެ.