ޚަބަރު

ކޯވިޑް-19 : މަސައްކަތްތެރިންނަށް އެނބުރި ރާއްޖެ އާދެވޭނީ ވަކި ހުއްދައެއްގެ ދަށުން


ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ޗުއްޓީއަށް ދިއުމަށްފަހު އެނބުރި ރާއްޖެއަށް އެތެރެވެވޭނީ ވަކި ހުއްދައެއް ލިބިގެންކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ޗުއްޓީއަށް ދިއުމަށްފަހު ރާއްޖެ އަންނަ ފަރާތްތަކާއި އެމްޕްލޯއިމެންޓް އެޕްރޫވަލް ލިބިގެން އަލަށް ރާއްޖެ އަންނަ ފަރާތްތައް ރާއްޖެ އެތެރެވުމަށް މިނިސްޓްރީން ވަކި ހުއްދައެއް ނަގަންޖެހޭކަމަށެވެ. އަދި ރާއްޖެ އައުމުގެ 48 ގަޑިއިރު ކުރިން އެ ހުއްދައަށްއެދި އިކޮނޮމިކް މިނިސްޓްރީއަށް ފޯމަކުން ހުށަހަޅަންޖެހޭކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީން ވިދާޅުވީ މިއީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރާއްޖެއަށް ކޮންމެހެން ގެންނަންޖެހޭ ފަރާތްތަކަށް މި ފުރުސަތު ހޯދައިދިނުމަށްޓަކައި ދޭން ނިންމާފައިވާ ހުއްދައެއްކަމަށެވެ.

މިނިސްޓްރީއަށް ހުއްދައަށް އެދޭތާ 48 ގަޑިއިރުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ހުއްދަ ހަމަޖެހިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ޗުއްޓީއަށް ދިއުމަށްފަހު ރާއްޖެ އަންނަ ބިދޭސީންނާއި އަލަށް އަންނަ ބިދޭސީންނަށް ރާއްޖެ އައުމަށް ހުއްދައަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓް http://employment.trade.gov.mv/ ލިބެން ހުންނާނެކަމަށް މިނިސްޓްރީންވިދާޅުވެއެވެ.