ކޯވިޑް-19

ކޯވިޑް-19 : ކަންކަން އެންމެ ގޯސްވެދާނެ ހާލަތަކަށްވެސް ތައްޔާރުވެތިބުން މުހިންމު - މިނިސްޓަރ އަމީން


ދިވެހިރާއްޖޭގައި ކޯވިޑް-19 ގެ ހާލަތު މިވަގުތަށް ކޮންޓްރޯލް ކުރެވިފައިވީނަމަވެސް، ކަންކަން އެންމެ ގޯސްވެދާނެ ހާލަތަށް ތައްޔާރުވެތިބުން މުހިއްމުކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ސަބަބުން ކްރިޓިކަލް ހާލަތަށްދާ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން ކްރިޓިކަލް ކެއަރ ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ޑޮކްޓަރުން ހޭލުންތެރިކުރުމަށް އައި.ޖީ.އެމް.އެޗުން އިސްނައިގެން ބާއްވާ މަސައްކަތު ބައްދަލުވުން ފައްޓަވާ ޑޮކްޓަރުން ތަމްރީން ކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ފައްޓަވާ ދެއްވާ ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، މިއީ ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހުއްޓާލާފައި، އުފާފާޅުކުރަންވީ ވަގުތު ނޫންކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު މިވަގުތަށް ކޮންޓްރޯލް ކުރެވިފައިވީނަމަވެސް، ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް މިކަމުން އަރައިގަތުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ދުރާލާ އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަނުދީ ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވުނުނަމަވެސް، ސަރަޙައްދީ ޤައުމުތަކާއި، ބައްރުތަކުގައި މި ބަލި ފެތުރެމުންދާ މިންވަރަށް ބަލާނަމަ ރާއްޖެއަށް އޮތް ނުރައްކާ ކުޑަނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ކަންކަން އެންމެ ގޯސްވެދާނެ ހާލަތަކަށް ޞިއްޙީ ޚިދުމަތްތެރިންނާއި އާއްމު ރައްޔިތުންވެސް ތައްޔާރުވެތިބުން މުހިއްމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކުރިއަށް އޮތީ ފަސޭހަ ދުވަސްތަކެއްނޫން. އުނދަގޫ ދުވަސްތަކެއް. ރާއްޖޭގައި މިހާތަނަށް އަޅާފައިހުރި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ފެތުރިގެންދިއުމުގެ ސްޕީޑް ކޮންމެވެސް ވަރަކަށް ލަސްވިކަމަށްވިޔަސް އަދި މިހާ ހިސާބުން ނިމުނީއެއްނޫން. އަޅުގަނޑުމެންގެ ވަށައިގެން ހުރި ޤައުމުތަކާއި ބައްރުތަކުގައި މީގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވަމުންދާއިރު ރާއްޖެއަށްހުރި ގޮންޖެހުންތައް ކުޑަވެގެނެއްނުދާނެ. ނަމަވެސް ރާއްޖެ ގުދުރަތީގޮތުން އުފެދިފައިވާގޮތުންނާއި ރާއްޖޭގެ ރަށްރަށުގައާއި ރިޒޯޓުތަކުގައި އެޅިފައިހުރި ފިޔަވަޅުތަކުގެ ސަބަބުން މިވަގުތަށް ހާލަތު ރަނގަޅުކަމަށް ފެނުންކަމުގައިވިޔަސް އެ ހިސާބުން ފުއްދާލެވޭކަށްނެތް" މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ އަރްވިންދު މާތޫރު ވިދާޅުވީ، ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ދިވެހިރާއްޖެއިން ދައްކަމުންދަނީ ނަމޫނާ މިސާލެއްކަމަށެވެ. އަދި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރާނަމަ ނަތީޖާ ނެރެވިދާނެކަން މިކަމުން ސާބިތުކޮށްދޭކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ނުރައްކާތެރި ހާލަތަށް ދާ ބަލި މީހުންނަށް ފަރުވާދިނުމާއި ގުޅޭގޮތުން ބާއްވާ މި މަސައްކަތު ބައްދަލުވުމުގައި އައި.ޖީ.އެމް.އެޗްއާއި، އޭޑީކޭ ހޮސްޕިޓަލާއި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކްރިޓިކަލް ކެއަރ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ޑޮކްޓަރުން ވަނީ ބައިވެރިވެފައެވެ. މި މަސައްކަތު ބައްދަލުވުމުގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތްތަކަށް ފަރުވާ ދިނުމާއި، އެންމެ ކްރިޓިކަލް ހާލަތަށްދާ ފަރާތްތަކަށްވެސް ފަރުވާދިނުމުގައި ސަމާލުކަންދޭންވީ ކަންކަމާއި، ބަލިމީހުންނަށް އެޓެންޑްވުމުގައި ޕްރޮޓެކްޓިވް ގިއަރތައް ބޭނުންކުރާނެގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތުދެވޭނެކަމަށް އައި.ޖީ.އެމް.އެޗްގެ މެޑިކަލް ޑިޕާޓްމަންޓުން ވިދާޅުވިއެވެ.