ވިޔަފާރި

ކޯވިޑް-19އާއި ގުޅިގެން ބައެއް ތަކެތީގެ އިމްޕޯޓް ޑިއުޓީ މާފުކޮށްދެއްވައިފި


ކޯވިޑް-19އާއި ގުޅިގެން އެންމެ ޑިމާންޑު ބޮޑުވެފައިވާ ތަކެތީގެ އިމްޕޯޓް ޑިއުޓީ އާއި ޕްރޮސެސިންގ ފީތައް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް މާފުކޮށްދެއްވައިފިއެވެ.

އެގޮތުން ޑިއުޓީ މާފުކޮށްދެއްވާފައިވަނީ ހޭންޑް ސެނިޓައިޒަރއާއި، މާސްކާއި، ފޭސް ޝިލްޑު، އަތް ދޮންނަ ސައިބޯނި ފުޅި، ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުން ބޭނުންކުރާ އަންގި އާއި ތަންތަން ސާފުކުރުމަށް ބޭނުންކުރާ 'ޑިސްއިންފެކްޓަންޓުން'ނެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ މިތަކެތީގެ ޑިއުޓީ މާފުކޮށްދެއްވާފައިވަނީ ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތަށެވެ. އެހެންކަމުން މި މުއްދަތުގަައި ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކުން ރާއްޖެއަށް އެތެރެކުރާ މި ބާވަތްތަކުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ނިންމަވާފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. އަދި މުދާ އެކްސްޕޯޓުކުރުމާއި އިމްޕޯޓުކުރުމާއި ރީއެކްސްޕޯޓުކުރުމުގެ ޤަވާއިދުގެ ދަށުން ނެގޭ ޕްރޮސެސިންގ ފީވެސް މާފުކޮށްދެއްވާފައިވާކަމަށްވެސް ކަސްޓަމްސުން ހާމަކުރެއެވެ.

ކޯވިޑް-19ގެ ސަބަބުން މާސްކާއި ސެނިޓައިޒާއަށް އޮތް ޑިމާންޑު ވަނީ ބޮޑުވެފައެވެ. އަދި އާއްމު ބޭސް ފިހާރަތަކުން އާއްމުންނަށް ސެނިޓައިޒާއާއި މާސްކު ލިބުންވަނީ ދަތިވެފައެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރިގެންދާ ޙާލަތުގައި ބޭނުންކުރުމަށް ސަރުކާރުން އެސްޓީއޯ މެދުވެރިކޮށް މާސްކު ގެނެސްފައިވާއިރު ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ ސެނިޓައިޒާ އާއި މާސްކު އެސްޓީއޯމެދުވެރިކޮށް އަންނަނީ ހޯދަމުންނެވެ.